ޚަބަރު

35 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި


35 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފަށައިފިއެވެ.

35 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރގައެވެ. ސޯޝަލް ސެންޓަރއާއި އިސްލާމީ މަރުކަޒުގެ އިތުރުން ހުޅުމާލެ ވެކްސިނޭޝަން ސެންޓަރގައި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ހެނދުނު 9:00އިން ފެށިގެން 17:00އާ ހަމައަށެވެ. ވިލިމާލެ ޒުވާނުންގެ މަރުކަޒުން ވެކްސިން ޖެހުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ހެނދުނު 9:00އިން މެންދުރުން އަނބުރައި 13:00 އަށެވެ.

މިގަޑިތަކުގައި ވެކްސިން ޖެހުމަށް އެ ސެންޓަރުތަކަށް ޒިޔާރަތްކުރުމަށް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ. 35 އަހަރުން މަތީގެ މީހުންގެ އިތުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދިގުމުއްދަތަށް ބޭސް ފަރުވާކުރާ މީހުންނަށްވެސް ވެކްސިން ދޭން މިއަދުވަނީ ފަށާފައެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ފަށާފައިވާއިރު މިހާތަނަށް ފަންސާސް ހަހާހަށްވުރެ ގިނަ މީހުންނަށްވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ ކޮވިޝީލްޑް ވެކްސިންއެވެ. އިންޑިޔާއިން ހަދިޔާކޮށްފައިވާ އެއްލައްކަ ޑޯޒްގެ މިވެކްސިން ހުސްވަންދެން ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ދީފައިވާ މީހުންނަށް ދެވަނަ ޑޯޒް ދޭންޖެހޭ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އިތުރު ވެކްސިން ލިބިގެންދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭންޖެހެނީ ފުރަތަމަ ޑޯޒް ދޭތާ 4 ހަފްތާއާއި 12 ހަފްތާއާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. އެހެންނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ދިނުމަށް މިހާރު ނިންމާފައިވަނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޮވިޝީލްޑްގެ އިތުރުން ރާއްޖެއަށް ވަނީ ޗައިނާގެ ސައިނޯފާމްގެ 5000 ޑޯޒް ވެކްސިންވެސް ޗައިނާ ސަރުކާރުން ހަދިޔާކޮށްފައެވެ. މިވެކްސިންއާއި ގުޅޭގޮތުން ބަލަންޖެހޭ ހުރިހާކަމެއް ބެލުމަށްފަހު މޯލްޑިވްސް ފުޑް އެންޑް އޮތޯރިޓީން ހުއްދަދެއްވުމާއެކު މިވެކްސިން ޢާއްމުންނަށް ދޭންފަށާނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ.