ވިޔަފާރި

މިއަހަރު އެމްއެމްޕީއާރުސީން ބައިނަލްއަޤްވާމީ 44 ހަރަކާތެއްގައި ރާއްޖެ އިޝްތިހާރުކުރާނެ


ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރު ރާއްޖެއިން ބޭރުގައި ބާއްވާ 44 ފެއަރއަކާއި ރޯޑްޝޯއެއްގައި ބައިވެރިވާނެކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އެމްއެމްޕީއާރުސީން ބުނެފިއެވެ.

އެމްއެމްޕީއާރުސީއަކީ މީގެކުރިންވެސް ރާއްޖެ އިޝްތިހާރުކުރުމަށް ބޭރު ޤައުމުތަކަށްގޮސް ބައިނަލްއަޤްވާމީ ގިނަ ފެއަރތަކާއި ރޯޑްޝޯތަކުގައި ބައިވެރިވާ ކުންފުންޏެކެވެ. ނަމަވެސް ކޯވިޑް19 ގެ ސަބަބުން ދުނިޔޭގެ ބޮޑެތި ފެއަރތައް ކެންސަލްކޮށް ބައެއް ފެއަރތައް ބާއްވާފައިވަނީ އޮންލައިންކޮނެވެ. ފެއަރތަކާއި ރޯޑްޝޯތަކުގައި ބައިވެރިނުވެނުނަމަވެސް މިދިޔަ އަހަރުވެސް އެމްއެމްޕީއާރުސީން ވަނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ.

1 އަހަރު ދުވަހަށްފަހު ފިޒިކަލްކޮށް މިއަހަރު އެމްއެމްޕީއާރުސީން ފެއަރތަކާއި ރޯޑްޝޯތަކުގައި ބައިވެރިވާނެކަން އިޢުލާންކޮށްފައިވާއިރު އެ ކުންފުނިން މިއަހަރު ބައިވެރިވާނެ ހަރަކާތްތަކުގެ ކަލަންޑަރު މިހާރު ވަނީ ހާމަކޮށްފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ފެއަރ އަދި ރޯޑްޝޯތައް ހިމެނޭގޮތުން ޖުމްލަ 44 ހަރަކާތެއްގައި އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރާނެއެވެ. އޭގެތެރޭގައި ދުނިޔޭގެ ބޮޑެތި ފެއަރތައްވެސް ހިމެނެއެވެ.

މިއަހަރު އެމްއެމްޕީއާރުސީން އެންމެ ފުރަތަމަ ރާއްޖެ އިޝްތިހާރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 އިން 18 އަށް މޮސްކޯގައި އޮންނަ އެމްއައިޓީޓީ ފެއަރގައެވެ. އަންނަ މަހު އެމްއެމްޕީއާރުސީން މުޅި ޖުމްލަ 4 ހަރަކާތެއް ކުރިއަށްގެންދާނެއެވެ. މީގެތެރެއިން 2 ހަރަކާތް ކުރިއަށްދާނީ މޮސްކޯގައެވެ. އަދި އަނެއް 2 ހަރަކާތް ކުރިއަށްދާނީ އިންޑިއާގައެވެ.

އެމްއެމްޕީއާރުސީން މިއަހަރު ބައިވެރިވާ ދުނިޔޭގެ ބައެއް ބޮޑެތި ފެއަރތަކުގެ ތެރޭގައި ސްޕެއިންގައި ކުރިއަށްދާ ފިޓޫރު ފެއަރއާއި، ޑަބްލިއުޓީއެމް ލަންޑަންއާއި، އައިޓީބީ އޭޝިއާ، އަދި އައިޓީބީ ޗައިނާ ހިމެނެއެވެ. މިއަހަރު އެ ކުންފުނިން ރާއްޖެ އިޝްތިހާރުކުރާ ޤައުމުތަކަށް ބަލާއިރު ރަޝިއާ، އިންޑިއާ، ޔޫއެސް، ޔޫއޭއީ، ކުވެއިތު، ސްޕެއިން، ތައިލޭންޑް، ސިންގަޕޫރު، ފިލިޕީންސް، މެލޭޝިއާ ފްރާންސް އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތައް ހިމެނެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި 22 ޓާގެޓް މާކެޓެއްގައި އެމްއެމްޕީއާރުސީން 412 ހަރަކާތެއް ހިންގާފައިވެއެވެ. މީގެތެރެއިން 314 ހަރަކާތަކީ ކޯވިޑްގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ހިންގި ހަރަކާތްތަކެވެ. މި ކެމްޕެއިން ހަރަކާތްތައް މެދުވެރިކޮށް މަދުވެގެން 5.2 ބިލިއަން މީހުންނަށް ރާއްޖެ އިޝްތިހަރުކުރެވިފައިވާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

ކޯވިޑް19 ގެ ހާލަތުގައި އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖެ އިޝްތިހާރުކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާވެސް މިހާރު މިވަނީ ފެންނަން ފަށާފައެވެ. އެގޮތުން ކޯވިޑްގެ ހާލަތުގައި ރާއްޖެއިން ފަތުރުވެރިކަން ކުރިއެރިވިގޮތަކީ ދުނިޔެއަށް މިސާލެއްކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.