ޚަބަރު

ވެކްސިންޖަހަން ފެށުމުން ބައެއް މީހުން ބައްޔާމެދު ފަރުވާކުޑަކުރާކަން ފާހަގަވޭ - އެޗްއީއޯސީ


ވެކްސިން ޖަހަން ފެށުމާއެކު ބައްޔާމެދު ބައެއް މީހުން ފަރުވާ ކުޑަކުރަމުން އަންނަކަން ފާހަގަކުރެވޭކަމަށާ، އޭގެ ސަބަބުން ބަލީގެ ނުރައްކާ އިތުރަށް ބޮޑުވެގެން އަންނަކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް، ޓެގް ޓީމުގަ ހިމެނިވަޑައިގަންނަވާ ޑރ.ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާވަނީ މިދުވަސްވަރު ވެކްސިން ދެމުންދާއިރުވެސް ކޯވިޑް-19ގެ ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވާ ސަބަބުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ.ނަޒްލާ މުސްޠަފާވަނީ މިދުސްވަރު އިތުރުވަމުންދާ ކޭސްތަކުގެ ނިސްބަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުންފާޅުކުރައްވާފައެވެ. އެގޮތުން ވެކްސިން ޖަހަން ފެށުމާއެކު މިހާރު ފެނިގެންދަނީ ބައެއް މީހުން މިބަލީގެ ނުރައްކާ މަތިން ހަނދާންނައްތާލައި ބަލީގެ ބިރުވެރިކަން ވަރަށް ލުއިކޮށް ނަގާތަންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް މީގެ ސަބަބުން މިހާރު އިތުރުވަމުން އަންނަ ކޭސްތަކާއެކު ބަލީގެ ނުރައްކާ ބޮޑުވަމުން އަންނަކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައި އެކަނިވެސް 140 މީހަކު ޕޮޒިޓިވްވެފައިވާކަމަށާ މިއީ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ހަމައެކަނި އެނގުނު މީހުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ބަލި ހުރިކަން ނޭނގި ވައިރަސް އެހެން މީހުންނަށް ފޯރާނެ، ކިތައް މީހުން މުޖުތަމަޢު ތެރޭގައި އުޅޭނެތޯ ޑރ.ނަޒްލާވަނީ ސުވާލު އުފައްދަވާފައެވެ.

"ވެކްސިން ޖަހަން ފެށުމާއެކު ބައްޔާމެދު ބައެއް މީހުން ފަރުވާކުޑަ ކުރާކަން އަޅުގަނޑުމެނަށް ފާހަގަވޭ. އެކަމަކު ވައިރަހުން ރައްކާތެރިކަން ލިބެނީ ވެކްސިންގެ ދެޑޯޒް ހަމަވުމުންކަން ހަނދާން ކުރަން އެބަޖެހޭ. ފުރަތަމަ ޑޯޒް ޖަހައިގެންވެސް ބޭރުގައި އުޅޭއިރު ރައްކާތެރިކަމަށްޓަކާ މާސްކުއަޅާ ގައިދުރުކަން އިސްކުރަން އެބަޖެހޭ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ އަދިވެސް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ނުދެވޭކަމަށެވެ. އަދި ވެކްސިން ނުދެވޭ ކެޓަގަރީތަކެއް އަދިވެސް ހުރިކަން ފާހަގަކުރައްވައި ޑރ.ނަޒްލާވަނީ ރައްކާތެރިވުމަށް ވެކްސިން ޖެހި މީހުނަށްވެސް އިލްތިމާސްކުރައްވާފައެވެ. ކުޑަކުދިންނަށް ދިނުމަށް ވެކްސިން ޓެސްޓުކުރަމުން އަންނައިރު އެކުދިންނަށް ޚާއްސަ ވެކްސިން ލިބޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ފަހުކޮޅުކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކާ މާބަނޑު މީހުންނަށް ވެކްސިން ނުދެވޭއިރު އެފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެފަރާތްތަކުގެ ވަށައިގެން ވާ މީހުން ސަމާލުވާ މިންވަރަކަށް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް ގާތުން ދޭ މައިންނަށް ވެކްސިން ދެވޭނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ކިބައި ޢަލާމަތްތައް ނުފެންނަނަމަ 28 ދުވަސްފަހުން ވެކްސިންޖެހޭނެކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ. ބަލީގެ ބޮޑު މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ މީހުން ހިމެނޭއިރު އެފަރާތްތަކުން ވެކްސިން ޖެހުމަށް އިސްކަންދިނުމަށް އެޗްއީއޯސީއިން އިލްތިމާސްކުރައްވައެވެ.