ޚަބަރު

ވެކްސިންގެ 2ވަނަ ޑޯޒް ދޭނީ 8 ހަފްތާ ފަހުން - އެޗްއީއޯސީ


ކޯވިޑް-19 ވެކްސިންގެ 2ވަނަ ޑޯޒް ރާއްޖޭގައި ދޭނީ ފުރަތަމަ ޑޯޒް ދޭތާ 8 ހަފްތާއަށް ފަހުކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ. ރާއްޖޭގައި ވެކްސިން ދޭން މިމަހުގެ އެއްވަނަ ދުވަހު ފެށިފަހުން މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުންވަނީ ވެކްސިން ޖަހާފައެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިންގެ ދެނަވަ ޑޯޒް ރާއްޖޭގައި ދޭނެ މުއްދަތު މިހާރު ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ދޭނީ ފުރަތަމަ ޑޯޒް ދޭތާ 8 ހަފްތާފަހުންކަމަށް ޑރ.ނަޒްލާ ވިދަޅުވިއެވެ. އަދި މޯލްޑިވިއަން ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން މިގޮތަށް ނިންމީ އެންމެ ފަހުން ވެކްސިންއާ ގުޅިގެން ޢާއްމުކޮށްފައިވާ ދިރާސާތަކާއި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ މިދިރާސާތަކުން ވެކްސިންގެ އަސަރު ކުރާ މިންވަރު އެންމެ ރަނގަޅުކަމަށް އަދި ރައްކާތެރިކަން ލިބޭ މިންވަރު އިތުރުކަން ބޮޑުކަމަށް ދައްކަނީ 8 ހަފްތާފަހުންކަމަށެވެ.

ރާއްޖޭގައި މިމަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް ފަށާފައިވާއިރު މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެކްސިން ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ވެކްސިންދޭން ފެށިފަހުން މިހާތަނަށް 50 ހާހަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާއިރު ފުރަތަމަ މިވެކްސިން ދިން މީހުންނަށް 8 ހަފްތާ ހަމަވެ ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނީ އަންނަ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެންނެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ކޮންމެ މީހަކަށްވެސް ވެކްސިން ކާޑެއް ޙަވާލުކުރާއިރު ދެވަނަ ޑޯޒް ޖެހުމަށް އަންނައިރު މިކާޑު ގެނައުމަށް އެޗްއީއޯސީއިން އެދިވަޑައިގަންނަވައެވެ. އެހެންކަމުން ވެކްސިން ކާޑު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި ދަތުރުކުރާނަމަ މިކާޑު އެކުގައި ގެންދިޔުމަށް އެފަރާތުން އިލްތިމާސްކުރެއެވެ.

ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ހުއްޓާނުލާ މިހާރު ހުރި ވެކްސިންގެ ސްޓޮކް ހުސްވަންދެން ވެކްސިން ދިނުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި މިފަރާތްތަކަށް ވެކްސިން ދިނުމަށްފަހު ދެވަނަ ޑޯޒް ދޭންޖެހޭ މުއްދަތު އަންނަވާއިރު ދެވަނަ ޑޯޒްއަށް ބޭނުންވާ ވެކްސިން ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ސަރުކާރުންވަނީ މިހާރު ކޮވިޝީލްޑް ވެކްސިން ގަތުމަށް ސީދާ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުންޏާއެކު ސަރުކާރުންވަނީ އެއްބަސްވެފައެވެ. މިވެކްސިން ދެމަހެއްހާދުވަހުގެ ތެރޭގައި މިވެކްސިން ލިބޭނެ ކަމަށް ސަރުކަރުން ވިދާޅުވެއެވެ.