ޚަބަރު

ލަންކާގެ ޔުނިވަރސިޓީއަކުން 1ވަނަ ދިވެހި ދަރިވަރަކަށް، އެޤައުމުގެ ރައީސްގެ އަތްޕުޅުން ރަން މެޑަލް


ސްރީލަންކާގެ އަސްކަރީ ޔުނިވަރސިޓީއެއްކަމަށްވާ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ އެމް.ބީ.ބީ.އެސް ޕްރޮގްރާމުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ދިވެހި ދަރިވަރަކު ޙާސިލުކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ ޑރ.އާމިނަތު ޒަހާ ޒުހައިރަށްވަނީ ސްރީލަންކާގެ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ އެމް.ބީ.ބީ.އެސް މުޅި މެޑިކަލް ޕްރޮގްރާމުން 3 ދާއިރާއަކުން މުޅި ޔުނިވަރސިޓީން އެއްވަނަވެސް ޙާސިލުކޮށްފައެވެ. މިމަޤާމު ޙާޞިލްކުރުމާއެކު ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސެގެ އަތްޕުޅުން ޑރ.އާމިނަތު ޒަހާއަށްވަނީ ރަން މެޑަލް ދެއްވާފައެވެ.

ސްރީލަންކާގެ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ 2020ވަނަ އަހަރުގެ އެމްބީބީއެސް ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ޑރ.އާމިނަތު ޒަހާ ޒުހެއިރު މިހޯދި ކާމިޔާބީއަކީ ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރަކު މިޔުނިވަރ ސިޓީންވެސް އަދި ސްރީ ލަންކާގެ ތަޢުލީމީ މުއައްސަސާއަކުންވެސް ހޯދި އެންމެ މަތީ ޝަރަފެވެ. މިއީ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ މިފަދަ ޝަރަފެއް ސްރީ ލަންކާއިން ބޭރު ޤައުމެއްގެ ދަރިވަރަކު ހޯދި ފުރަތަމަ ފަހަރުވެސްމެއެވެ.

އައްޑޫ ސިޓީ ހިތަދޫ ހޭޅި، ޑރ.އާމިނަތު ޒަހާ ޒުހައިރަށް ސްރީލަންކާގެ ރައިސް ގޮތަބަޔާ ރާޖަޕަކްސެ މިޝަރަފު ޙަވާލުކޮށްދެއްވުމަކީ ތާރީޚީ ޝަރަފެކެވެ. ސްރީ ލަންކާގައި ދިވެހި ދަރިވަރުން އެކި ރޮނގުރޮނގުން ތަޢުލީމު ޙާޞިލްކުރަމުންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރުންފެށިގެން ދިވެހި ދަރިވަރުން ސްރީ ލަންކާގެ އެކި ޔުނިވަރސިޓީތަކުގައި ތަޢުލީމް ޙާސިލްކުރަމުން އާދެއެވެ. އެހެންނަމަވެސް މިއީ މިފަދަ ޝަރަފުވެރި ވަނައެއް ދިވެހި ދަރިވަރަކަށް ލިބިގެން ސްރީ ލަންކާގެ ރައިސެއްގެ އަތްޕުޅުން އިނާމު ލިބިގެންދިޔަ ފުރަތަމަ ފަހަރުކަމަށް މަޢުލޫމާތުލިބެއެވެ.

ޑރ.އާމިނަތު ޒަހާ ވަނީ މެޑިސިން ޕްރޮގްރާމްގައި ހިމެނޭ 3 ދާއިރާއަކުން މުޅި ޔުނިވަރސިޓީންވެސް އެއްވަނަ ޙާސިލުކޮށްފައެވެ. ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ އެމްބީބީއެސް ޕްރޮގްރާމުގެ ފައިނަލް އަހަރު ނުވަތަ ތިންވަނަ އިމްތިޙާނުން ޑރ.ޒަހާ އެއްވަނަ ހޯދަފައިވާއިރު މައިކްރޯބައިލޮޖީއާއި ފާރމަކޮލޮޖީންވެސް އޭނާވަނީ އެއްވަނަ ޙާސިލުކޮށްފައެވެ.

ސްރީ ލަންކާގެ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ އެމްބީބީއެސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ފަހިކޮށްދެއްވުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތުން މިދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ދިވެހި 100 ދަރިވަރަކަށް މިފުރުސަތު ދިނުމަށް އެޔުނިވަރސިޓީން ނިންމާފައިވެއެވެ. ވޭތުވެދިޔަ ތަނުގައި އެޔުނިވަރސިޓީއިން 30އަށްވުރެ ގިނަ ދިވެހި ދަރިވަރުންވަނީ އެމްބީބީއެސް ފުރިހަމަކޮށްފައެވެ. މިޔުނިވަރސިޓީއަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ އެތައް ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުން އަންނަ މަޝްހޫރު ޔުނިވަރސިޓީއެކެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އަންނަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީގައި ބޭރުގެ އެކި ޔުނިވަރސިޓީތަކުގައި 100އަށްވުރެ ގިނަ ދިވެހި ދަރިވަރުން އަންނަނީ މިހާރުވެސް މެޑިސިން ހަދަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނަކީ %100 ދިވެހިންނަށް ހެދުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާގެ އެންމެބޮޑު އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން މިއަހަރަށް ކަނޑައެޅި މަތީ ތަޢުލީމުގެ ލޯން ސްކީމްގެ ދަށުންވެސް މެޑިސިން ހެދުމަށް 20 ސްލޮޓްވަނީ ކަނޑައަޅާފައެވެ.

މުހައްމަދު ހިތަދޫ

މަރުހަބާ