ޚަބަރު

މުއިވެޔޮދޮށު މައިޒާން ޖުމްހޫރީ ދުވަހަށް ހުޅުވަނީ


މާފަންނު ބިސްބުރުގައި ތަރައްގީކުރަ މުއިވެޔޮދޮށު މައިޒާން، ޖުމްހޫރީ ދުވަހަށް ހުޅުވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މުއިވެޔޮދޮށު މައިޒާނުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، އެތަން ތަރައްގީ ކުރެވެމުންދާގޮތް ބައްލަވާލެއްވުމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު އިއްޔެ ވަނީ އެ ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ. ހައުސިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ޖުމްހޫރީ ބިނާ އަލުން ބަހައްޓާ ތަން ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މައިޒާނުގައި ގަސް އިންދާ ތަންތަން ހަދާ ނިމިފައިވާއިރު ކުޑަކުދިންގެ ޕާކްގައި ހިމެނޭ އުނދޯލިފަދަ ތަކެތި ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ. ހައުސިން މިނިސްޓްރީއާއި ސްޓެލްކޯއާއި ދެމެދު މިއަހަރުގެ އޮގަސްޓްމަހު ސޮއި ކުރެވުނު އެމް.އޯ.ޔޫގެ ދަށުން މައިޒާން ތަރައްޤީ ކުރަމުންދަނީ ސްޓެލްކޯއިންނެވެ. މި މައިޒާން ދިހަ އަހަރު ވަންދެން ބެލެހެއްޓުމަށްވެސް މިއެމް.އޯ.ޔޫގައި ސްޓެލްކޯއާއި  ވަނީ ހަވާލުކުރައްވާފައެވެ.