ޚަބަރު

ބުރުނީ އާއި މަޑިފުށީގެ ނަރުދަމާ ނޮވެމްބަރު މަހު ނިމޭނެ- ފެނަކަ


ތ އަތޮޅު ބުރުނީ
އަދި މަޑިފުށީގައި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރ ނުވަތަ
ޑިސެމްބަރ މަހު އިފްތިތާޙް ކުރެވިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.



ފެނަކަ
ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ ، މިވަގުތު އެ
ކުންފުނިން ނަރުދަމާގެ މަސައްކަތް ކުރަމުންދާ ރަށްރަށުގެ ތެރެއިން އެންމެ އަވަހަށް
މަސައްކަތް ނިންމާލެވޭނީ އެދެރަށުގައި ކަމަށެވެ. އެގޮތުން ބުރުނީގައި ނަރުދަމާ
ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ގެ 89 އެއް އިންސައްތަ ނިމިފައިވާ ކަމަށާއި
މަޑިފުށީގައި 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ނިމާލް ވިދާޅުވިއެވެ.



މި ދެ ރަށުގެ
ކައުންސިލުން މައުލޫމާތު ދިންގޮތުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ ގޭގޭގައި
ސެޕްޓިކް ޓޭންކް ބެހެއްޓުމާއި ، ކަނޑަށް ހޮވި ގުޅާލުމުގެ މަސައްކަތް ކަމަށެވެ.



ނިމާލް ވިދާޅުވީ މި
ދެރަށުގެ ނަރުދަމާގެ މަސައްކަތަށް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ޚަރަދުވާކަމަށާއި ، މި މަސައްކަތް ކުރަނީ ޕީ.އެސް.އައި ޕީ ބަޖެޓުން ޚަރަދުކުރައްވައިގެންކަމަށެވެ.
އަދި މިކަމަށް އެނަރޖީ މިނިސްޓްރީން ދެއްވާ އެހީތެރިކަން ނިމާލް ފާހަގަކުރެވިއެވެ.

" ނަރުދަމާގެ މަސައްކަތަކީ އަޅުގަނޑުމެންގެ އޮފީހުގެ މެންޑޭޓްތެރޭގައި ހިމެނޭ މަސައްކަތްކަމަށްވިޔަސް ، މިފަދަ ގިނަ ޕްރޮޖެކްޓް ތަކަކީ އެނަރޖީ މިނިސްޓްރީން ކޮންޓްރެކްޓް ކުރެވި ޕީ.އެސް.އައި.ޕީ ބަޖެޓުން ކުރާ މަސައްކަތްތައް ކަން އަޅުގަނޑު ފާހަގަކުރަން.އެމިނިސްޓްރީ ގެ އެއބާރުލެއްވުން ވަރަށް ބޮޑުވާނެ މިފަދަ މަސައްކަތުގައި " ނިމާލް ވިދާޅުވިއެވެ.



 ނިމާލް ވިދާޅުވީ ، ފެނަކައިން ލ ފޮނަދޫގައި ޤާއިމް
ކުރާ 85 ހައުސިންގ ޔުނިޓަށްވެސް ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ވެސް
ކުރަމުންދާކަމަށެވެ.9 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދާ މި
ޕްރޮޖެކްޓްގެ މަސައްކަތްވެސް ޑިސެމްބަރ މަހު ނިންމާލުމަށް މަސައްކަތް ކުރަމުންދާ
ކަަމަށް ނިމާލް ވިދާޅުވި. 

" 85 ހައުސިންގ ޔުނިޓްގެ ނަރުދަމާގެ މަސައްކަތަށް ގާތްގަޑަކަށް 9 މިލިއަން ރުފިޔާ ޚަރަދުވެގެންދާނެ " ނިމާލެ ވިދާޅުވިއެވެ.

ނިމާލް ވިދާޅުވި ލ މާމެންދޫގެ ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްވެސް ގާތްގަޑަކަށް  އަށެއްކަ މަސްދުވަސްތެރޭގައި ނިންމާލުމަށް ނިންމާފައިވާ ކަމަށް. 

ފެނަކަ ކޯޕަރޭޝަނަކީ އަތޮޅުތެރޭގައި ފެނާއި ، ނަރުދަމާ އަދި ކަރަންޓް ޤާއިމްކުރުމަށް ސަރުކާރުން އުފައްދަވާފައިވަ ޔޫޓިލިޓީ ކުންފުންޏެވެ.