ޚަބަރު

އާރްޑީސީގެ ޢަމާޒަކީ %100 ދިވެހިން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުން


ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީގެ މުޅި ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހިން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އެކުންފުނީގެ %85 މުޢައްޒަފުންނަކީ މިހާރުވެސް ދިވެހި ދިވެހިންނެވެ.

މަގުހެދުމަށް ޚާއްސަކޮށްގެން އުފެއްދި "މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން" 2018ވަނަ އަހަރު އުވާލާ، އެތަނުގެ މުޢައްޒަފުން އޭރުގެ ހައުންސިންގ މިނިސްޓްރީއާ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބަހާލިއެވެ.

ސައްތައިން ސައްތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ގޮތުގައި މަގު ހެދުމަށް ޚާއްސަ ކުންފުނި "ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" އާރްޑީސީ އަލުން އުފެއްދެވީ މިސަރުކާރުގައި 2019ވަނަ އަހަރުގެ ޖޫންމަހުގެ 9ވަނަ ދުވަހުއެވެ. އެކުންފުންޏަކީ އެއްގަމު ދަތުރުފަތުރު ކުރުމަށް ރަނގަޅު ފެންވަރުގެ މަގުތައް ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް އުފެއްދި ކުންފުންޏެކެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އެންމެ ބޮޑު ޕްރޮޖެކްޓް މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މަސައްކަތުގެ އިތުރަށް، އަތޮޅުތަކުގެ 4 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް އާރްޑީސީން ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާރްޑީސީގެ ޖެނެރަލް މެނޭޖަރ އަޙުމަދު ޝުހާދު ވިދާޅުވީ އާރްޑީސީގެ މަސައްކަތްތައް ފުޅާވެގެންދާއިރު ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ ކުންފުންޏަކީ %100 ދިވެހިން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުންކަމަށެވެ. އެގޮތުން ޓެކްނިކަލް މަސައްކަތުގެ މުޅި ޓީމަކީ ދިވެހިން ކަމަށް ޝުހާދު ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތާންގައި ސައިޓުގައި ޢަމަލީ ގޮތުން މަސައްކަތްކުރާ ސަޕޯޓް ސްޓާފުންނަކީވެސް މުޅިންވެސް ދިވެހިންނަށް ހަދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި ކުންފުނީގެ %85 މުޢައްޒަފުންނަކީ ދިވެހިން. އާރްޑީސީގެ ޓެކްނިކަލް ޓީމްގައި ހިމެނެނީ %100 ދިވެހިން. ސަޕޯޓް ސަރވިސްގައި ބިދޭސީން މަސައްކަތްކުރަނީ. ކުންފުނީގެ ޢަމާޒަކީ ކައިރި މުސްތަޤްބަލެއްގައި %100 ދިވެހިން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުން." ޝުހާދު ވިދާޅުވިއެވެ.

ކުންފުނީގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ދެއްވަމުން އާރްޑީސީގެ ސީނިއަރ މެނޭޖަރ ޕްލޭނިންގ އެންޑް ޑިޒައިން އިސްމާއިލް މިއުރާޖް ވިދާޅުވީ އާރްޑީސީން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކަށްވެސް ރަށްރަށުން މުޢައްޒަފުން ނަގަމުންދާކަމަށެވެ. މި މަސައްކަތަކީ ކޯވިޑް 19ގެ ދަތި ޙާލަތުގައި ރަށުގައި ތިބެގެން އާމްދަނީއެއް ލިބޭނެ މަގު ފަހިކުރުމަށް ހުޅުވާލާފައިވާ ފުރުޞަތެއްކަމަށް މިއުރާޖް ވިދާޅުވިއެވެ.

"އެންމެ ދަށް މަޤާމުތަކުން ފެށިގެން އެންމެ މަތީ މަޤާމުތަކުގައިވެސް ދިވެހިން މަސައްކަތް ކުރަމުންދަނީ. އަދި މިހާރު މިދަނީ އަންހެން މުޢައްޒަފުން ހޯދާ، ޚާއްސަކޮށް ކޮންސްޓްރަކްޝަންގެ ޢަމަލީ މަސައްކަތުންވެސް ޖާގަދެމުން. ލޭބަރުންގެ ގޮތުގައި އަންހެން މުޢައްޒަފުން މިހާރުވެސް މަސައްކަތްކުރޭ." މިއުރާޖް ވިދާޅުވިއެވެ.

ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައްވެސް ކުރިއަށްގެންދާއިރު އެ ރަށްރަށުން މުޢައްޒަފުން ނަގައިގެން ކުރިއަށްގެންދިއުމަށް އިސްކަމެއް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ އިތުރަށް ގދ.ގައްދޫއާއި އދ.މާމިގިއްޔާއި ތ.ތިމަރަފުށްޓާއި ށ.މިލަންދޫގެ މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ.