ޚަބަރު

ކޮވިޑް-19، ދިފާޢު: ޢުމުރުން 40 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފަށައިފި


40 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން ފަށައިފިއެވެ. ކޯވިޑް ވެކްސިން ދޭން މިމަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ފަށާފައިވާއިރު މިހާތަނަށް ބައިލައްކައަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.

40 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރގައެވެ. ސޯޝަލް ސެންޓަރއާއި އިސްލާމީ މަރުކަޒުގެ އިތުރުން ހުޅުމާލެ ވެކްސިނޭޝަން ސެންޓަރގައި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ހެނދުނު 9:00އިން ފެށިގެން 17:00އާ ހަމައަށެވެ. ވިލިމާލެ ޒުވާނުންގެ މަރުކަޒުން ވެކްސިން ޖެހުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ހެނދުނު 9:00އިން މެންދުރުން އަނބުރައި 13:00 އަށެވެ. އަދި ހުޅުމަލޭ ވެކްސިނޭޝަން ސެންޓަރުން ހެނދުނު 9:00އިން 17:00އާ ހަމައަށް ވެކްސިން ޖެހުން ކުރިއަށްދާނެއެވެ.

މިގަޑިތަކުގައި ވެކްސިން ޖެހުމަށް އެ ސެންޓަރުތަކަށް ޒިޔާރަތްކުރުމަށް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ. 40 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފެށުމަށް ނިންމާފައިވާއިރު 18 އަހަރާއި 40 އަހަރާއި ދެމެދުގެ ހައިރިސްކް މީހުންނަށްވެސް އަންނަނީ ވެކްސިން ދެމުންނެވެ.

ވެކްސިން ލިބޭނެކަމުގެ ޔަގީންކަން އޮތުމާއެކު މިހާރު ނިންމާފައިވަނީ ލިބިފައިވާ ވެކްސިންގެ އެއްލައްކަ ޑޯޒް ހުސްވަންދެން ދިނުމަށް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިންއެވެ އަދި އެސްޓްރާޒެނެކާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިތުރު ހަތްލައްކަ ޑޯޒްގެ ވެކްސިން ކުރިއަށް އޮތް ދެމަހެއްހާދުވަހުގެ ތެރޭގައި ލިބޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އެހެންކަމުން ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ދީފައިވާ މީހުންނަށް ދެވަނަ ޑޯޒް ދޭންޖެހޭ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އިތުރު ވެކްސިން ލިބިގެންދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭންޖެހެނީ ފުރަތަމަ ޑޯޒް ދޭތާ 4 ހަފްތާއާއި 12 ހަފްތާއާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ.

ކޮވިޝީލްޑްގެ އިތުރުން ރާއްޖެއަށް ވަނީ ޗައިނާގެ ސައިނޯފާމްގެ 5000 ޑޯޒް ވެކްސިންވެސް ޗައިނާ ސަރުކާރުން ހަދިޔާކޮށްފައެވެ. މިވެކްސިންއާއި ގުޅޭގޮތުން ބަލަންޖެހޭ ހުރިހާކަމެއް ބެލުމަށްފަހު މޯލްޑިވްސް ފުޑް އެންޑް އޮތޯރިޓީން ހުއްދަދެއްވުމާއެކު މިވެކްސިން ޢާއްމުންނަށް ދޭންފަށާނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 8 ސެންޓަރަކާއި، އަތޮޅުތަކުގެ 66 ސެންޓަރުގައި ދަނީ ކުރަމުންނެވެ.