ޚަބަރު

ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް


ރ.އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކްލިންގއަށް ދިޔަ އަންހެން ފަތުރުވެރިޔާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާއިރު އެފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް،އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. މިފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ކަނޑުމަގުން 66 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއްވަނީ ބަލާފައެވެ. އަދި ޑައިވްކޮށްގެން 154916 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓް ޑައިވަރުން ބަލާފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން ކައިރިގައި ހުރި ފަޅުރަށްތައްވެސް ބަލާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ރ.އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކްލިންގއަށް ދިޔަ އަންހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން ހޯދަން ފެށީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެންނެވެ.

މި މީހާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސަރަހައްދު ބެލުމުގައި ކޯސްޓްގާޑް ކާމިޔާބު ލޯންޗާއި ހާބަރ ކްރާފްޓް ލޯންޗް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ވައިގެ މަގުން ޑޯނިއާ ފްލައިޓްވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އަދި މީގެއިތުރުން ރިސޯޓްގެ ދޯނިފަހަރާއި ލޯންޗް ފަހަރުވެސް ވަނީ ހަރަކާތްތެރިވެފައެވެ.