ޚަބަރު

މިމަހުގެ 19އިން ފެށިގެން ހުކުރު ޚުޠުބާ ކުރުވާނެ

މިމަހުގެ 19ވަނަ ދުވަހުން ފެށިގެން ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ކިޔާ ހުކުރު ޚުތުބާ ކުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19އާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނާނީ މިމަހުގެ 19ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހައި ރަށެއްގައި ކިޔާ ހުކުރު ޚުތުބާ ކުރިއަށްވުރެ ކުރުވާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ކޯވިޑް-19 ފެތުރުން ހަލުވިވުމާއެކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމާއި ހުކުރު ޚުތުބާއާއި ހުކުރު ނަމާދުވެސް ކުރުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ނަމާދަށް މިސްކިތައް އަންނަ މީހުން އަމަލުކުރަން ވީ ގޮތުގެ އުޞޫލެއްވެއް އެކުލަވާލާފައެވެ. މިގޮތުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި މުސައްލައެއް ގެންދިއުމާއި އެމީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިސްކިތަށްދާއިރު މާސްކްއެޅުމާއި މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދޭންވެސް ޖެހެއެވެ. މީގެ އިތުރުން މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުމާއި ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުމަށާއި މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުމާއި މިސްކިތުގައިވާ މުޞްހަފްތައް ބޭނުން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.