ވިޔަފާރި

މިދިޔަ އަހަރު ގްރީން ފަންޑުން ކުރި ޚަރަދު 349 މިލިއަން ރުފިޔާގައި


މިދިޔަ އަހަރު ގްރީން ފަންޑުން 349 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ގްރީން ފަންޑަށް މިދިޔަ އަހަރުތެރޭ ވަނީ 377 މިލިއަން ރުފިޔާ އިތުރުވެފައެވެ. މަހުން މަހަށް ބަލާއިރު، މިދިޔަ ޑިސެމްބަރުމަހު ގްރީން ފަންޑުން 43 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރުމަހު 36 މަޝްރޫއަކަށް ގްރީން ފަންޑުން ވަނީ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ޑިސެމްބަރުމަހު އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ އއ.ރަސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށެވެ. އެމަޝްރޫޢަށް ޑިސެމްބަރުމަހު ވަނީ 6.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ދެން އެންމެ ބޮޑު ޚަރަދެއްކޮށްފައި ވަނީ އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމަށް ފެސިލިޓީއެއް ތަރައްޤީކުުރުމަށެވެ. މި މަސައްކަތަށް 5.7 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރުމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 25 މިލިއަން ރުފިޔާއެވެ. އަހަރު ނިމުނުއިރު ގްރީން ފަންޑުގައި ހުރީ 809.5 މިލިއަން ރުފިޔާއެވެ. ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސްއެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.