ޚަބަރު

މިހާރު ހުރި ސްޓޮކް ހުސްވަންދެން ވެކްސިން ދޭނެ: އެޗްއީއޯސީ


ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ހުސްވަންދެން ވެކްސިން ދެމުންގެންދާނެކަމަށް އެޗްއީއޯސީން ހާމަކުރައްވައިފިއެވެ.

ރާއްޖެގައި މިހާރު ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ އެސްޓްރާޒެނެކާއާއި އޮކްސްފޯޑު ޔުނިވަރސިޓީގެ ކޮވިޝީލްޑް ވެކްސިނެވެ.

މިމަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ އިންޑިއާއިން ހަދިޔާކުރި އެއްލައްކަ ކޮވިޝީލްޑް ވެކްސިން ޑޯޒާއެކުގައެވެ. މިވެކްސިންއިން ރާއްޖޭގެ އާބާދީގެ ވެކްސިން ދޭންޖެހޭ މީހުންގެ ތެރެއިން ފަންސާސް ހާސް މީހުންނަށް ވެކްސިންދެވޭނެކަމަށް އެޗްއީއޯސީން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ސަބަބަކީ ވެކްސިން އެންމެ ރަނގަޅުގޮތުގައި މަސައްކަތްކުރުމަށް ކޮންމެ މީހަކަށް ވެކްސިންގެ ދެ ޑޯޒް ދޭންޖެހޭތީއެވެ.

މިމަހުގެ މިހާތަނަށް އައިއިރު ސާޅީސް ތިންހާހަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާއިރު މިހަފްތާގެ ތެރޭގައި ފަންސާސް ހާސް މީހުންނަށް ވެކްސިން ދެވޭނެކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިންނާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުޙައްމަދު ހަމްޒަތު ވިދާޅުވީ އިތުރު ވެކްސިންތައް ރާއްޖެއަށް މިމަހުގެ ތެރޭގައި ލިބޭނެކަމަށެވެ. ވެކްސިން ލިބޭނެކަމުގެ ޔަގީންކަން އޮތުމާއެކު މިހާރު ނިންމާފައިވަނީ ލިބިފައިވާ ވެކްސިންގެ އެއްލައްކަ ޑޯޒް އެއްލައްކަ މީހުންނަށް ދިނުމަށްކަމަށެވެ.

"އަޅުގަނޑުމެންނަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް. އިތުރުވެކްސިން ހޯދުމުގެ މަސައްކަތްކުރާއިރު މިމަހުގެ ތެރޭގައިވެސް އިތުރު ވެކްސިންރާއްޖެއަށް އަންނާނެ. އެހެންކަމުން ވެކްސިން ޕްރގްރާމް ހުއްޓަނުލާ ވެކްސިން ދެމުން ގެންދިޔުމަށްވަނީ ނިންމާފަ." ހަމްޒަތު ވިދާޅުވިއެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ އޮކްސްފޯޑު ޔުނިވަރިސިޓީއާއި އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވަނީ އިންޑިއާއިންނެވެ. އަދި ކުރިއަށް އޮތް ދެމަހެއްހާދުވަހުގެ ތެރޭގައި ސީދާ އެސްޓްރާޒެނެކާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިތުރު ހަތްލައްކަ ޑޯޒްގެ ވެކްސިން ލިބޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އެހެންކަމުން ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ދީފައިވާ މީހުންނަށް ދެވަނަ ޑޯޒް ދޭންޖެހޭ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އިތުރު ވެކްސިން ލިބިގެންދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭންޖެހެނީ ފުރަތަމަ ޑޯޒް ދޭތާ 4 ހަފްތާއާއި 12 ހަފްތާއާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ.

ކޮވިޝީލްޑްގެ އިތުރުން ރާއްޖެއަށް ވަނީ ޗައިނާގެ ސައިނޯފާމްގެ 5000 ޑޯޒް ވެކްސިންވެސް ޗައިނާ ސަރުކާރުން ހަދިޔާކޮށްފައެވެ. މިވެކްސިންއާއި ގުޅޭގޮތުން ބަލަންޖެހޭ ހުރިހާކަމެއް ބެލުމަށްފަހު މޯލްޑިވްސް ފުޑް އެންޑް އޮތޯރިޓީން ހުއްދަދެއްވުމާއެކު މިވެކްސިން ޢާއްމުންނަށް ދޭންފަށާނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.