ޚަބަރު

ޖަލަށްލީ މީހުންގެ ދެބައިކޮށްފަ އެއްބަޔަކީ މަސްތުވާތަކެތީގެ ހުކުމްތައް


ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން 73 މީހަކު މިިދިޔަމަހުގެ ތެރޭގައި ދޫކޮށްލާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ހާމަކޮށްފިއެވެ. އެއިދާރާއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިިދިޔަ މަހު އެކަނިވެސް 50 މީހަކު ވަނީ ޖަލަށްލާފައެވެ.

ކަރެކްޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޖަލުން ދޫކޮށްލި 73 މީހުންގެ ތެރެއިން 20 މީހުންނަކީ އެމީހުންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކޮށް ނިމުމުން ޖަލުން މިނިވަންވެފައިވާ މީހުންނެވެ. ދެން މިިދިޔަ މަހު ޖަލުން ދޫކޮށްލި މީހުންގެ ތެރެއިން 20 މީހަކު ދޫކޮށްލާފައިވަނީ ކޯޓުން އަމުރުކުރުމުންނެވެ. 31 މީހަކު ދޫކޮށްލައިފައިވަނީ ކްލެމެންސީގެ ބޯޑުގެ ނިންމުމަށެވެ. އަދި 2 މީހަކު ޖަލުން ދޫކޮށްލައިފައިވަނީ ޕެރޯލްގެ ދަށުންނެވެ.

މިިދިޔަ މަހު ޖަލުން ދޫކޮށްލި މީހުންގެ އަދަދު 73 އަރާއިރު އެ މުއްދަތުގައި ޖަލަށް އަލަށް ލީ މީހުންގެ އަދަދު ހުރީ 50 ގައެވެ. އޭގެތެރޭގައި ހިމެނެނީ ޖަލަށް ހުކުމްކުރި 36 މީހަކާއި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 14 މީހެކެވެ.

މިއަހަރު މިހާތަނަށް ޖަލަށް ލީ މީހުންގެ ތެރެއިން އެންމެ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކުރި މީހުންނެވެ. މިގޮތުން މިދިޔަ މަހުގެ ޖަލަށްލީ މީހުންގެ 61 އިންސައްތަ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ހުކުމްކުރި މީހުންނެވެ. ދެން އެންމެ ގިނައީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނެވެ. މި ބާވަތުގެ ކުށްކޮށްގެން ޖަލަށް ހުކުމްކުރި މީހުންގެ އަދަދަކީ 8.3 އިންސައްތައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަތަކުގައި ޖަލަށްލީ މީހުންގެ އަދަދަކީ 5.6 އިންސައްތައެވެ. މާރާމާރީގެ މައްސަތަކުގައި ޖަލަށްލީ މީހުންގެ އަދަދަކީ 2.8 އިންސައްތައެވެ.

ކަރެކްޝަނަލް ސާރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަލުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި މާފުށީ ޖަލުން 12 ފޯނަކާއި މާލޭ ޖަލުން 06 ހިންމަފުށީ އައްސޭރި ޖަލުން 03 ފޯނެއް ވަނީ އަތުލައިގެންފައެވެ.

ޖަލުތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ އާއިލާތަކަށް ގުޅާދިނުމަށް 3300 ވުރެ ގިނަ ފޯންކޯލް ވަނީ ނަގާދީފައެވެ. މިގޮތުން މަފުށީ ޖަލުން 2449 ކޯލެއް، މާލޭ ޖަލުން 270 ކޯލެއް، ހުޅުމާލޭ ޖަލުން 330 ކޯލެއް އަދި އައްސޭރި ޖަލުން 337 ފޯން ކޯލެއް ޤައިދީންންގެ އާއިލާތަކަށް ވަނީ ގުޅާދީފައެވެ. މީގެއިތުރުން ޖަލުގައި ތިބި ޤައިދީންގެ ތެރެއިން 5 ގައިދީއަކަށް އެމްޖެންސީގައި ފަރުވާދީފައިވާކަމަށާއި 29 ގައިދީއަކަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވާކަމަށްވެސް ކަރެކްޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.