ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް ކުޅުންތެރިން ނަމޫނާ ދެއްކުމަށް ރައީސް އެދިވަޑައިގެންފި


ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ، މިބައްޔާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، އެ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމުގައި ރައްޔިތުންނަށް ނަމޫނާ ދެއްކުމަށް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ކުޅުންތެރިންނާއި އެންމެގައި ބޭފުޅުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ، ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބްތަކުގެ ބައެއް އިސް ބޭފުޅުންނާއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޅިވަރުގެ ފަންނުވެރިން އަދި ޚާއްޞަކޮށް ޢާންމުންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ކުޅިވަރު ކުޅުންތެރިންނަކީ، ރައްޔިތުންގެ އިޙްތިރާމާއި ޤަދަރު ލިބިފައިވާ ބައެއް ކަމުގައެވެ. އެހެންކަމުން، ޞިއްޙީ ޚިދުމަތްތެރިންނެކޭ އެއް ފަދައިން އެ ބޭފުޅުންނަށް ވެސް، ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ ގައިދުރުކަމާއި، މާސްކު އެޅުމާއި، ޢާންމު ސާފުތާހިރުކަމުގެ ޢަމަލުތަކަށް ޢާންމުން ހޭލުންތެރިކޮށް، ނަމޫނާ ދެއްކުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައެވެ. އަދި، ވެކްސިން ޖެހުމަށް ޢާންމުންނަށް ބާރު އެޅުމަށް ވެސް އެ ބޭފުޅުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުލަބުތައް ތަމްޞީލުކުރައްވާ ބޭފުޅުން ވަނީ، ދިވެހި ފުޓުބޯޅަ ލީގުގެ މެޗުތައް އަލުން ފެށުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުންގެ ޚިޔާލުތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ. އަދި، މި ކަމުގައި ހުރި ގޮންޖެހުންތަކާއި، އެ ކަންކަން ހައްލު ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، ކުލަބުތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ވާހަކަވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ގުޅުންހުރި ވުޒާރާތަކާއި މަޝްވަރާކުރައްވާ، ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައެވެ.

ހަމަ އެއާއެކު، އެމަނިކުފާނު ވަނީ ކުޅުންތެރިންނެކޭ އެއް ފަދައިން، ކުލަބުތަކުން ވެސް އިސްނަގައިގެން ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އެހެން މީހުންނަށް ވެސް އެކަމަށް ގޮވާލުމަށް އެދިވަޑައިގަންނަވާފައެވެ.