ޚަބަރު

އޮކްސްފޯޑް، އެސްޓްރާޒެނެކާ ވެކްސިން ކުޑަކުދިންނަށް ދިނުމަށް ޓެސްޓު ކުރަނީ


އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިން ކުޑަކުދިންނަށް ދިނުމަށްޓަކައި ޓެސްޓުކުރުމަށް އޮކްސްފޯޑް ޔުނިވަރސިޓީން ނިންމައިފިއެވެ. މިވެކްސިން ދިނުމަށް މިހާރުގެ ކްލިނިކަލް ޓްރައިލްތަކަށްފަހު، ދެމުން އަންނަނީ ހަމައެކަނި އުމުރުން 18 އަހަރުން މަތީގެމީހުންނަށެވެ.

އޮކްސްފޯޑުން ވެކްސިން މިހާރު ޓެސްޓުކުރުމަށް ނިންމާފައިވަނީ އުމުރުން 6 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި ވައިރަހާ ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރު ބެލުމަށެވެ. އޮކްސްފޯޑުން ހާމަކުރާގޮތުގައި ކްލިނިކަލް ޓްރައިލްގެ ފުރަތަމަ ބުރުގައި މިޢުމުރުފުރައިގެ 300 ކުދިންނަށް ވެކްސިން ދިނުމަށްވަނީ ނިންމާފައެވެ. އަދި މިމަސައްކަތް މިމަހުގެތެރޭގައި ފެށުމަށް އޮކްސްފޯޑުންވަނީ ނިންމާފައެވެ.

އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިން އަންނަނީ މިހާރު ދުނިޔޭގެ އެކި ޤައުމުތަކުގައި ދެމުންނެވެ. އެސްޓްރާޒެނެކާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ވެކްސިންގެ 300 ބިލިއަން ޑޯޒް އުފެއްދުމެވެ. އެގޮތުން މިއަމާޒަށް ވާސިލުވުމަށް މަހަކު 200 މިލިއަން ވެކްސިން ޑޯޒް އުފެއްދުމަށް އެކުންފުނިންވަނީ ނިންމާފައެވެ.

ކޯވިޑް-19އިން އަރައިގަތުމަށް ރާއްޖޭގައިވެސް ދެމުން އަންނަނީ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. މިއީ އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

އިންޑިއާއިންވަނީ ކޮވިޝީލްޑްގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. ދިވެހި ސަރުކާރުން ސީދާ އެސްޓްރާޒެނެކާއިން ވެކްސިން ގަތުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ވެކްސިންގެ 7 ލައްކަ ޑޯޒް ގަތުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މިވެކްސިން ކުރިއަށް އޮތް ދެމަހެއްހާދުވަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ.

އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިނަކީ ކޯވިޑް-19އިން ރައްކާތެރިވުމަށް މިހާރު ދުނިޔޭގައި ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ އަދި ވެކްސިން ރައްކާކުރުމަށްވެސް އެންމެ ފަސޭހަ ވެކްސިނެވެ. ޑަބްލިއުއެޗްއޯއިން ވަނީ މިވެކްސިން ޢުމުރުން 18 އަހަރުންމަތީގެ ހުރިހާ އެންމެންނަށް ދިނުން ރައްކާތެރިކަމަށް ވިދާޅުވެފައެވެ.