ރިޕޯޓް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިހާތަނަށް 504 މީހަކަށް ވެކްސިންދީފި


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިހާތަނަށް 504 މީހަކަށް "ކޮވިޝީލްޑް" ވެކްސިން ދީފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. ކުޅުދުއްފުއްޓަށް މިހާތަނަށް ލިބިފައިވަނީ 750 ޑޯޒްގެ ވެކްސިންއެވެ. ކުޅުދުއްފުށި ހޮސްޕިޓަލްގައިވެސް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ މިހާތަނަށް ވެކްސިން ދިން މީހުންގެ ތެރޭގައި ހިމެނެނީ އިސްސަފުގައި މަސައްކަތް ކުރާ 396 މީހަކާއި، 70 އަހަރުން މަތީގެ 96 މީހަކާއި ދާންމަތީ ބަލިމީހުންގެ 12 މީހަކަށެވެ. އެގޮތުން ދާންމަތީ ބަލިމީހުންނަށް ވެކްސިން ދީފައިވަނީ އެގޭގެއަށް ރީޖަނަލް ހޮސްޕިޓަލްގެ ޓީމް ގޮސްގެންނެވެ.

އެންމެ ފުރަތަމަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެކްސިން ޖަހަންފެށި ދުވަހު ވެކްސިން ޖަހާފައިވަނީ ރީޖަނަލް ހޮސްޕިޓަލްގެ 30 މުއައްޒަފަކަށެވެ. އޭގެ ފަހުން 12 އިދާރާއަކުން ކުޅުދުއްފުށީގައި އިސް ސަފުގައި މަސައްކަތް ކުރާ މުއައްޒަފުންނަށްވަނީ ވެކްސިންދީފައެވެ.

ވެކްސިން ޖަހައިގެން 15 މިނިޓާއި 30 މިނިޓާ ދެމެދު ވަގުތުކޮޅެއްގައި މަޑުކުރަންޖެހޭ އިރު މިވަގުތުގެ ތެރޭގައި ވެކްސިން ޖެހި އެއްވެސް މީހަކަށް ކަމެއް ދިމާނުވާކަމަށް ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލުން ބުނެއެވެ. އެހެންނަމަވެސް ފަހުން ބައެއް މީހުން ހުންއައިސް ގައިގަ ރިއްސާތީ ހޮސްޕިޓަލުން ފަރުވާހޯދާފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ކުޅުދުއްފުށިން ކޯވިޑް 19އަށް ޕޮޒިޓިވް ވެފައިވަނީ 24 މީހެކެވެ. އަދި މިވަގުތު އެކްޓިކް ކޭސްގެ ގޮތުގައި ތިބީ ހޯމް ކަރަންޓީންގައި ތިބި ދެމީހެކެވެ. މިހާތަނަށް ކުޅުދުއްފުށިން 1619 މީހަކު ވަނީ ހޯމް ކަރަންޓީން ކުރެވިފައިވެއެވެ. އަދި 10248 ކޯވިޑް ޓެސްޓް ވަނީ ހަދާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކޯވިޑް-19އަށް ޓެސްޓް ކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.