ވިޔަފާރި

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ޖެހިޖެހިގެން 3 ދުވަހު 4000އިން މަތީގައި


ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ޖެހިޖެހިގެން 3 ދުވަހު 4000 އިން މަތީގައި ހިފަހައްޓާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް 4809 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު 4480 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް ވަނީ 4856 ފަތުރުވެރިން އައިސްފައެެވެ. މިއާއެކު ތިނަ ދުވަސްތެރޭ ރާއްޖެއަށްވަނީ 14138 ފަތުރުވެރިން އައިސްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް ވަނީ 46809 ފަތުރުވެރިން އައިސްފައެވެ.

ވަކި ވަކި މާރކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާލާއިރު، އަހަރުގެ މިހާތަނަށް ރަޝިއާ އަދި އިންޑިއާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 30000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.
މިއާއެކު މިދިޔަ އަހަރު ރާއްޖެއަށް މި ދެ ޤައުމުން އައި ފަތުރުވެރިންގެ އަދަދުގެ ދެބައިކުޅަ އެއްބަޔާއި ހަމައަށް މިއަހަރުގެ ފުރަތަމަ 45 ދުވަސްތެރޭ ވަނީ އެ ދެ ޤައުމުން ފަތުުރުވެރިން އައިސްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް 62960 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިއަހަަރުގެ މިހާތަނަށް ރާއްޖެއަށް އައި އިންޑިއާ ފަތުރުވެރިންގެ އަދަދު މިހާރުވަނީ 30295 އަށް އަރާފައެވެ. ރަޝިއާ މަރކެޓަށް ބަލާލާއިރު، މިދިޔަ އަހަރު އެޤައުމުން ރާއްޖެއަށް 61387 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް އައި ފަތުުރުވެރިންގެ އަދަދު ވަނީ 30499 އަށް އަރާފައެވެ.

ފަތުރުވެރިކަމުގެ މި އަދަދުތަކާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 138912 ފަތުރުވެރިން އައިސްފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ބޭރު ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ސަރުކާރުންނާއި، ފަތުރުވެރިކަމުގެ ސިނާއަތުން ދަނީ ކުރަމުންނެވެ. ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ.