ޚަބަރު

"ރަށް ފެހި" ޕްރޮގްރާމުގެ ދަށުން މިއަހަރު 5000 ގަސް އިންދުމަކީ އަމާޒެއް: ސްޓެލްކޯ


"ރަށް ފެހި" ޕްރޮގްރާމުގެ ދަށުން މިއަހަރު 5000 ގަސް އިންދުމަކީ އަމާޒެއްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ ގަސްއިންދުމުގެ ޙަރަކާތަކީ މުޅި ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ "ރަށްފެހި" ޕްރޮގްރާމާއި ގުޅުވައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިއީ ތިމާވެއްޓަށް ހޭލުންތެރިކޮށް ތިމާވެއްޓާއި ރައްޓެހި ކަންކަމަށް މީހުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ސްޓެލްކޯއިން ވަނީ މި ޕްރޮގްރާމް ހުއްޓާނުލާ ކޮންމެ އަހަރަކުވެސް އެ ކުންފުނިން ކުރިއަށްގެންދިއުމަށް ނިންމާފައެވެ. އެގޮތުން ކުރީ 2 އަހަރެކޭ އެއްގޮތަށް "ރަށް ފެހި" ޕްރޮގްރާމުގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ސްޓެލްކޯއިން މިއަހަރުވެސް ވަނީ ފަށާފައެވެ. އެހެންނަމަވެސް މިއަހަރުގެ ގަސް އިންދުމުގެ ހަރަކާތްތައް ފަށާފައިވަނީ މާލޭ ސަރަޙައްދު ފިޔަވައި ސްޓެލްކޯއިން ޙިދުމަތްދޭ ހުރިހާ ރަށެއްގައެވެ.

މި ޕްރޮގްރާމުގެ ތެރެއިން 2019 ވަނަ އަަހަރު 2000 ގަސް، އަދި 2020 ވަނަ އަހަރު 3000 ގަސް އެކުންފުނީގެ މުވައްޒަފުން އިންދާފައިވެއެވެ. އަދި މިއަހަރުގެ އަމާޒަކީ 5000 ގަސް އިންދުންކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ޙަރަކާތް "ރަށް ފެހި" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިފްތިތާޙުކޮށްދެއްވާފައިވަނީ 15 ޑިސެމްބަރު 2018 ގައެވެ. މިއީ ތިމާވެއްޓާ ރަށްޓެހި އާދަތަކަށް ޢާއްމުން ހޭލުންތެރިކުރުވުމަށާއި، ތަރައްޤީއާއެކު ގެއްލެމުންދާ ރާއްޖޭގެ ފެހިކަން އަލުން ދިރުވައި އާލާކުރުމާއި، ރާއްޖޭގެ ރަށްތަށް ފެހިކުރުމުގައި ޢާއްމުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ފެއްޓެވި ޚާއްސަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ސަރުކާރުން އެންމެ ބޮޑަށް ބާރުއަޅާނީ ރަށްރަށުގައި މިހާރުވެސް ހެދިފައިހުރި ރުށްގަސް އުފުރައިގެންގޮސް އެހެންތަންތަނުގައި އިންދުމުގެ ބަދަލުގައި، ގޮތްޕާއި، ނިރުފަދަތަކެތި ރޯކޮށްގެން އިންދުމަށެވެ.