ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކްއާޓަރ ފައިނަލަށް ޖޯކޮވިޗް


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކްއާޓަރ ފައިނަލުން ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޖޯކޮވިޗް ޖާގަހޯދީ ހަތަރުވަނަ ބުރުގައި މިލޯސް ރައޮނިކް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗް ޖޯކޮވިޗް ކާމިޔާބުކުރީ 3 ސެޓް އެއްސެޓުންނެވެ. އެއީ ހަތެއް ހައެއް، ހަތަރެއް ހައެއް، ހައެއް އެކެއް އަދި ހައެއް ހަތަރަކުންނެވެ. މި މުބާރާތުގެ ތިންވަނަ ބުރުގައި ކުޅުނު މެޗްގެ ތެރެއިން ޖޯކޮވިޗްއަށް ލިބުނު އަނިޔާގެ އަސަރު މިމެޗްގައި އޭނާގެ ކިބައިން ފެންނަމުންދިޔައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ހާމަކުރިގޮތުގައި ގްރޭން ސްލޭމް ނޫން އެހެން މުބާރާތެއްނަމަ އޭނާ މިހާރު މުބާރާތުން ރިޓަޔަރ ކޮށްފީސްކަމަށެވެ. ނަމަވެސް މިއީ ގްރޭން ސްލޭމް މުބާރާތެއްކަމުން ހިތްވަރު ކޮށްފަ ކުޅެނީ ކަމަށެވެ. އަދި މިމެޗަށް އެއްވެސް ވަރަކަށް ތައްޔާރުވެސް ނުވެވުނު ކަމަށާއި ލިބުނު ހުރިހާ ވަގުތެއް ހޭދަކުރީ ލިބިފައިވި އަނިޔާއިން ރިކަވަރ ވުމަށްކަމަށެވެ. މި މުބާރާތުގެ ކްއާޓަރ ފައިނަލްގައި ޖޯކޮވިޗް ބައްދަލުކުރާނީ މުބާރާތުގައި ހަވަނައަށް ސީޑް ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވަރޭވްއާއެވެ. މި މުބާރާތުގެ ކްއާޓަރ ފައިނަލުން ޒްވަރޭވް ޖާގަހޯދީ ހަތަރުވަނަ ބުރުގައި ސަރބިއާގެ ޑުސާން ލަޔޮވިޗްއާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް، ހަތެއް ހައެއް އަދި ހައެއް ތިނަކުންނެވެ.
މިމުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ އޮސްޓްރިއާގެ ޑޮމިނިކް ތީމްގެ ނަސީބު އެހާ ރަނގަޅެއް ނުވިއެވެ. ހަތަރުވަނަ ބުރުގައި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯފް އާއި ބައްދަލުކޮށް ތީމް ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ ހައެއް ހަތަރެއް، ހައެއް ހަތަރެއް އަދި ހައެއް ސުމަކުންނެވެ. މިމެޗްގައި ތީމްގެ ފަރާތުން މާރަނގަޅު ކުޅުމެއް ފެނިގެން ނުދިޔައިރު ޑިމިޓްރޯފްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ޑިމިޓްރޯފް ކްއާޓަރ ފައިނަލްގައި ބައްދަލުކުރާނީ މިފަހަރުގެ މުބާރާތުގައި އެންމެ ހައިރާން ކުރުވަނިވި ކުޅުންތެރިޔާ ރަޝިޔާގެ އަސްލާން ކަރަޓްސޭވްއާއެވެ. ކޮލިފައިން ކުޅެގެން ގްރޭން ސްޅޭމް މުބާރާތެއްގައި މުޅިން އަލަށް ކުޅެމުންދާ ކަރަޓްސޭވްވަނީ ހަތަރުވަނަ ބުރުގައި މުބާރާތުގައި ވިހި ވަނައަށް ސީޑް ކުރެވިފައިވާ ކެނެޑާގެ އައުގަރ އަލިއަސީމް އާއި ބައްދަލުކުރިމެޗް ފަހަތުން އަރާ 3 ސެޓް 2 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ފުރަތަމަ ދެސެޓް ތިނެއް ހައެއް، އެކެއް ހަޔަކުން އަލިއަސީމް ކާމިޔާބުކޮށްފައިވަނިކޮށް ކަރަޓްސޭވްވަނީ ޖެހިގެންއައި ތިންސެޓް ހައެއް ތިނެއް، ހައެއް ތިނެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކޮށްފައެވެ. ކަރަޓްސޭވް ވެފައިވަނީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ގްރޭމް ސްލޭމް މުބާރާތެއްގައި ވާދަކުރާ ފުރަތަމަަ ފަހަރު ކްއާޓަރ ފައިނަލުން ޖާގަހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަނިޔާގެ ސަބަބުން ގިނަ މައްސަލަތަކަކާއި އޭނާގެ ކެރިއަރުގައި ކުރިމަތިލާފައިވާ ކަރަޓްސޭވް މީގެކުރިން ގްރޭން ސްލޭމް މުބާރާތުން ޖާގަހޯދުމަށް އަށްފަހަރު މަސައްކަތްކޮށްވެސް އޮތީ ކާމިޔާބުވާގޮތް ނުވެފައެވެ. ދުނިޔޭގައި ހަތަރުވަނައަށް ރޭންކް ކުރެވިފައިވާ ޑާނިލް މެޑްވެޑޭވް ސިފަކުރާގޮތުގައި ކަރަޓްސޭވްއަކީ ރަޝިޔާގެ ސީކްރެޓް ވެޕަންއެވެ.