ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މިހާރު ބޭއްވުމަށް ނިންމާފައިވާ ތާރީހަށް އެއްވެސް ބަދަލެއް މަޖިލީހުން ނުގެންނާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައިންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަދުވަހުއެވެ.
މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް މަޖިލީހުން ވަނީ ޚާއްސަ ޤާނޫނެއް ފާސްކޮށްފައެވެ. އެޤާނޫނުގައި ބުނާގޮތުން މިއަހަރުގެ މެއި މަހުގެ 9 ވަނަދުވަހުގެ ކުރިން ބާއްވާ ނިންމަންޖެހެއެވެ. އެހެންނަމަވެސް މިހާރު އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އެ މުއްދަތުގައި އެ އިންތިޚަބު ބޭއްވުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވިދާޅުވަމުންނެވެ. މިގޮތުން ބަޖެޓްގެ ދަތިކަމާއި އިންތިޚާބުގައި އަމަލުކުރަން އެޗްޕީއޭއިން ބުނާ ކަންކަން ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވިދާޅުވަމުންނެވެ.
ޤާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ނުބޭއްވޭނަމަ އެކަން އިލްކެޝަންސް ކޮމިޝަނުން ރައްޔިތުން މަޖިލީހަށް ހުށައަޅަންޖެހެއެވެ. އެހެންކަމުން ކޮމިޝަންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް މިހާރު ކަނޑައެޅިފައިވާ ތާރީހުގައި ވޯޓްލުން ނުބޭއްވިދާނެތީ އިންތިޚާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކޮމިޝަނުން ހުށައެޅީ މިމަހުގެ ހަފްތާގައެވެ.
އިލެކްޝަންސް ކޮމިޝަނުން ހުށައެޅި ސިޓީ ލިބިފައިވާކަން މިއަދުގެ މަޖިލިސް ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. މި ސިޓީއާއި ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ތާރީހުގައި އިންތިޚާބު ބޭއްވޭނެކަމަށާއި އެ ނިންމުމަށް މަޖިލީހުން އެއްވެސް ބަދަލެއް ދެން ނުގެންނަވާނެކަމަށެވެ.
" އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އެބައޮތް ސިޓީ ފުޅެއް ފޮނުއްވާފައެވެ. އަޅުގަދު މިއަދު ހެނދުނު އަމީން އާއްމުކައިރީ ދަންނަވައިފިން މީ މިކަން އަޅުގަނޑު ދަރިފުޅުގެ ހޯމް ވީކޭ މިއެކެވޭ އެއްވަރޭ.އެއްވެސް ނުހަދާންވީ ނުހެދެންވީ އެތައް ގޮތެއް ދަރިފުޅު ކިޔާދޭ އަޅުގަނޑަށް. އަޅުގަދު ކޮމިޝަނާއި އޮފް އިލެކްޝަންސް އަށްވެސް އަދި ހުރިހާ ހޯމްވޯކް ހަދާކުދިންނަށްވެސް ދަންނަވާލާނީ މިހާރު އެއޮޓި ހޯމް ވޯކް ދީފައެވެ. ދެން އެ ނިންމައިގެން އަވަހަށް އަންނާށޭ. އިތުރރު ގޮތެއް މިއަކު ނެތޭ. މި އިންތިޚާބު މިއޮތް ދުވަހު އިރާދަކުރެއްވިޔާ އޮންނާނެ. އަޅުގަނޑުމެން އެކަމަށް އިރާދަކުރެއްވިޔާ ބަދަލެއް ނުގެންނާނެ." މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން މި އިންތިޚާބުގައި ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ވަނީ އާއްމުކޮށްފައެވެ. އަދި އިންތިޚާބުގައި ވާދަކުރަން ނިންމި ކެންޑިޑޭޓުން ނަން ނަގުމަށް ދިން ފުރުސަތުވެސް ވަނީ ހަމަވެފައެވެ.