ޚަބަރު

ހއ. އަތޮޅު ހޮސްޕިޓަލްގައި މުޅިން އަލަށް ސްކޭންގެ ޚިދުމަތް ފަށައިފި


ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގައި ސްކޭންގެ ޚިދުމަތް ފަށައިފިއެވެ.

ސްކޭންގެ ޚިދުމަތް އެހޮސްޕިޓަލްގައި ފެށީ މުޅިން އަލަށް ކަމަށް އެހޮސްޕިޓަލުގެ މެނެޖަރ އުޘްމާން އަޝްރަފް ވިދާޅުވިއެވެ.

ސްކޭންގެ ޚިދުމަތް ހަފުތާއަކު ފަސް ދުވަހު ދޭނެ ކަމަށާއި ފުރަތަމަ ދޫކުރާނީ ދުވާލަކަށް ފަނަރަ ނަމްބަރު ކަމަށް އަޝްރަފް ވިދާޅުވިއެވެ. ސްކޭންގެ ޚިދުމަތާއެކު ހއ އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަމަށާއި، ޚާއްޞަކޮށް މާބަނޑު މީހުން ސްކޭން ކުރުމުގައި މިހާރު އުފުލަމުންދާ ތަކުލީފަށް ނިމުމެއް އަންނާނެކަމަށް އަޝްރަފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާބަނޑު މީހުން މާބަނޑު ދުވަސްވަރު ގިނަ ސްކޭންތަކެއް ކުރަންޖެހޭއިރު ބޮޑު ޚަރަދުކޮށްފަ ދާން ޖެހެނީ މާލެއަށް ނޫނީ ދުރު އެހެން ރަށަކަށްކަމަށެވެ.

ސްކޭން އެޕޮއިންޓްމަންޓް ހެދުމުގެ ކަންތައް ހަމަޖެހިފައި ވަނީ މިހާރު ވެސް އެ ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ދޫކުރާ އާއްމު އުސޫލުންނެވެ. ހއ އަތޮޅު ހޮސްޕިޓަލަކީ އުތުރުން ހއ.ހދ،އަދި ށ އަތޮޅުންވެސް ރައްޔިތުން ޚިދުމަށް ހޯދަން އަންނަ ހޮސްޕިޓަލެކެވެ.

ހއ އަތޮޅު ހޮސްޕިޓަލުގައި އެކި ބަލިތަކަށް ޚާއްސަ 8 ޑޮކްޓަރުންނާއި، އާންމުބަލިތަކުގެ 9 ޑޮކްޓަރަކު ޚިދްމަތްދެއެވެ. އަދި ދުވާލެއްގެ މައްޗަށް ދުއިސައްތައަށްވުރެ ގިނަ މީހުން އެކިބަލިތަކަށް ފަރުވާހޯދާ ކަމަށް އެހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.