ޚަބަރު

އަދީބު ހުންނަވަނީ ޢިއްޒަތްތެރިން ތިއްބަވާ ގޮޅިއެއްގައި- ފުލުހުން


ރިޔާސީ ލޯންޗް ކޮޅުގައި އެއްޗެއް ގޮވި ޙާދިސާގެ ތަހްޤީޤަށް ފުލުހުންގެ
ބަންދުގައި ހުންނެވި ނައިބް ރައީސް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު ދޫނިދޫގައި
ބަންދު ކޮށްފައި ހުންނަ ތަނަކީ އެފަދަ ޢިއްޒަތްތެރިން ބޭތިއްބުމަށް ހަމަޖެހިފައިވާ
ތަނެއްގައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ހާމަކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނުގައި، ބަންދުގައި ތިބޭ މީހުން
ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ބަންދުގައި ބޭތިއްބުމުގައި ޢަމަލުކުރަމުންދާ
އުޞޫލުގެތެރެއިން ނައިބްރައީސް އަޙްމަދު އަދީބުއަށް އެންމެ އެކަށޭނަ ޚިދުމަތް
މޯލްޑިވްސް ޕޮލިސް ސާވިސް އިން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް
ފޯރުކޮށްދެމުންދާކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް
ނައިބްރައީސް އަޙްމަދު އަދީބު ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުންނަ
ހުރުމުގައި ނިދުމާ ކެއުމުގެ ކަންކަން އެކަށީގެންވާ ގޮތެއްގެ މަތިން
ހަމަޖައްސައިދެމުން ގެންދާކަމަށްވެސް މިބަޔާނުގައިވޭ. އަދި އެ އަމުރު ނެރުމުގެ
ކުރިންވެސް ފުލުހުން ގެންދިޔައީ ނައިބްރައީސް އަޙްމަދު އަދީބަށް އެއަމުރުގައި
ބުނެފައިވާ ގޮތަށް ދޫނިދޫ ކަސްޓޯޑިއަލް އިން ޚިދުމަތް ފޯރުކޮށް ދެމުންކަމަށް
މިބަޔާނުގައިވެއެވެ.

މީގެ އިތުރުން ނައިބް ރައީސް އަޙްމަދު އަދީބު ދޫނިދޫ
ކަސްޓޯޑިއަލްގައި ބަންދުގައި ހުންނަވާއިރު ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތަށް
ކަންކަން ހަމަޖައްސާފައިވޭތޯ ބައްލަވަން ކްރިމިނަލް ކޯޓުން ދޫނިދޫ ކަސްޓޯޑިއަލް މިއަދުގެ
ވަގުތެއްގައި ޒިޔާރަތް ކޮށްފައިވާކަމަށްވެސް މިބަޔާނުގައިވެއެވެ.



ފުލުހުން މިބަޔާން ނެރެފައި މިވަނީ، ނައިބު ރައީސަށް ދޫނިދޫގައި
ބަހައްޓާފައިވަނީ އާދައިގެ ގޮޅިއެއްގައިކަމަށް ބުނެ އޭނާ ވަކީލުން ވާހަކަދައްކަވަމުން
ދަނިކޮށެވެ.