ދުނިޔެ

ވޯޓުން ޓްރަންޕަށް މޮޅެއް، ނަތީޖާއަށް ބައިޑަންގެ ހިތްހަމަނުޖެހުން


އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕު އަޒުލްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން އެކަމާއި ގުޅޭގޮތުން މިހާރުގެ ރައީސް ޖޯ ބައިޑަން ވާހަކަ ދައްކަވައިފިއެވެ.

ޓްރަންޕު މަޤާމުން އަޒުލްކުރުމުގެ މަސައްކަތް ޑިމޮކްރަޓުން ފެށީ މިިދޔަ މަހުގެ 6ވަނަ ދުވަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީސް ހިންގާ ކެޕިޓޮލް އިމާރާތުގައި ހިންގި ހަމަނުޖެހުންތަކަށް ޓްރަންޕު ހިތްވަރު ދެއްވިކަމަށް ބުނެއެވެ. ނަމަވެސް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓުންވަނީ ޓްރަންޕާއި ދެކޮޅަށް ކޮށްފައިވާ މި ދައުވާތައް ސާބިތު ނުވާކަމަށް ނިންމާފައެވެ.

100 މެންބަރުން ތިއްބަވާ ސެނެޓުގެ 57 މެންބަރުން ވޯޓު ދެއްވާފައިވަނީ ޓްރަންޕާއި ދެކޮޅަށެވެ. 43 މެންބަރުން ވޯޓު ދެއްވީ ޓްރަންޕުގެ ކުށެއް ނެތްކަމަށެވެ. ސެނެޓުގައި ތިއްބަވާ 50 ޑިމޮކްރަޓުންނާއިއެކު ޓްރަންޕު ކުށްވެރިވެފައިވާކަމަށް ރިޕަބްލިކަނުންގެ ހަތް މެންބަރުންވަނީ އެމަނިކުފާނާއި ދެކޮޅަށް ވޯޓު ދެއްވާފައެވެ. ނަމަވެސް ޓްރަންޕާއި ދެކޮޅަށް އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ ވޯޓު ބޭނުންވާތީ، އެ މައްސަލަ ސާބިތުކުރުމަށް ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.

ސެނެޓުގެ ވޯޓަށްފަހު ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ ތާރީޚުގެ އެންމެ ފަހުގެ ބާބުން ޑިމޮކްރަސީއަކީ ކިހާ ނާޒުކު އެއްޗެއްކަން ބުނެދީފައިވާކަމަށެވެ. ޑިމޮކްރަޓުންގެ 50 މެންބަރުންނާއި ރިޕަބްލިކަނުންގެ 7 މެންބަރުން ޓްރަންޕު ކުށްވެރިވެފައިވާކަމަށް ވޯޓު ދީފައިވާކަން ފާހަގަކުރައްވަމުން ބައިޑަން ވިދާޅުވީ ވޯޓުގެ ނަތީޖާއިން ޓްރަންޕު ކުށްވެރިވެފައިވާކަން ސާބިތުވެފައިވާކަމަށް ނުނިންމުނު ނަމަވެސް ޓްރަންޕާއި ދެކޮޅަށް ކޮށްފައިވާ ދައުވާގައި ހިމެނޭ ބައިތަކަކީ އެއާއިމެދު ސުވާލެއް އޮތްކަމެއް ނޫންކަމަށެވެ.

ބައިޑަން ވިދާޅުވީ ސެނެޓުގެ މައިނޯރިޓީ ލީޑަރު މިޗް މިކްކޮނެލްވެސް ޓްރަންޕުގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ޢަމަލުކުރައްވާފައިވަނީ ވަރަށް ލަދުވެތި އަދި ހުތުރު ގޮތަކަށްކަމަށް އެއްބަސްވެ ވަޑައިގަންނަވާކަމަށެވެ. އަދި ކެޕިޓޮލްގައި ހިނގި ހާދިޘާ ހިންގާފައިވަނީ ޓްރަންޕު އެކަމަށް ހިތްވަރު ދީގެންކަމަށާއި އެކަމުގެ ޒިންމާ ޓްރަންޕު އުފުއްލަވަންޖެހޭކަމަށް މިކްކޮނެލްވެސް ޤަބޫކުރައްވާކަމަށެވެ.

ބައިޑަންގެ ބަޔާނުގައިވަނީ ކެޕިޓޮލްގައި ހާދިޘާގައި މަރުވި ފުލުހެއްކަމުގައިވާ ބްރަޔަން ސިކްނިކްގެ ހަނދާން އައުކުރައްވާފައެވެ. އަދި އެމެރިކާގެ ޑިމޮކްރަސީ ރައްކާތެރިކުރުމަށް މަސައްކަތްކުރި ހުރިހާ ފަރާތްތަކެއްގެ މަސައްކަތްތަކަށް ބައިޑަންވަނީ ތައުރީފުކުރައްވާފައެވެ.

ކެޕިޓޮލްގައި ހިނގި ހިތާމަވެރި ހާދިޘާއިން ޑިމޮކްރަސީގެ ނާޒުކުކަން އެނގިގެން ގޮސްފައިވާކަމަށާއި، ޑިމޮކްރަސީއަކީ އަބަދުވެސް ދިފާޢުކުރަންޖެހޭ އެއްޗެއްކަން ހަނދާން ކޮށްދީފައިވާކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި އަބަދުވެސް ތިބެންޖެހޭނީ ހުށިޔާރުވެކަމަށާއި އަނިޔާވެރިކަމާއި ހައްދުފަހަނަ އެޅުމަށް އެމެރިކާއިން ޖާގަ ނުދޭނެކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. އެމެރިކާގެ ރައްޔިތުންނަށް ހައްޤު ބަސް ދިފާޢުކުރުމާއި އެކު ދޮގު ބާޠިލްކުރުމުގެ ޒިންމާ އޮތްކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. އެމެރިކާއަށް މިވަގުތު އޮތް އެންމެ މުހިންމު މަސައްކަތަކީ އެމެރިކާގައި ކުރިއަށްދާ 'ހަނގުރާމަ' ނިމުމަކަށް ގެނެސް ޤައުމުގެ 'ފުރާނަ'އަށް ފަރުވާ ދިނުންކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.