ޚަބަރު

ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ކޯވިޑް ވެކްސިން ޖަހަން ފަށައިފި


ރާއްޖޭގެ ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ކޯވިޑް-19 ވެކްސިން ޖަހަން ފަށައިފިއެވެ.

ރާއްޖޭގައި ކޯވިޑް-19އިން ދިފާޢު ވުމަށް ދޭ ވެކްސިން ޕްރޮގުރާމުގެ ތެރެއިން ޤައުމީ ޓީމުގެ ތަކުގެ ކުޅުންތެރިންނަށް ވެކްސިން ދޭން ފަށާފައިވާއިރު، މިހާތަނަށް ޤައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންވަނީ ވެކްސިން ޖަހަފައެވެ.

ކޯވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވަމުންދާތީ އަޅާފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ކުޅިވަރު ހުރިހާ ހަރަކާތެއް ވަނީ މެދުކަނޑާލާފައެވެ. ކުޅިވަރު މުބާރާތްތަކާއި، ކުޅިވަރު ހަރަކާތްތައް މެދު ކަނޑާލުމައި ގުޅިގެން ކުޅިވަރުގެ ބައެއް އެސޯސިއޭޝަންތަކުންދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއިން 33106 މީހަކަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ އޮކްސްފޯޑް އެސްޓްރާ ޒެނެކާއާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ.

ވެކްސިން ދިނުން މާލެއާއި އަތޮޅުތެރޭގެ ކުރިއަށްދާއިރު އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށާއި، 55 އަހަރުން މަތީގެ މީހުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 55 ސެންޓަރެއްގައި ދަނީކުރަމުންނެވެ.