ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ހަތަރުވަނަ ބުރުން ބާރޓީ ޖާގަހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އޭޝްލީ ބާރޓީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުން ބާރޓީ ޖާގަހޯދީ ތިންވަނަ ބުރުގައި ރަޝިޔާގެ އެކަޓެރީނާ އެލެގްޒެންޑްރޯވާ އާއި ބައްދަލުކުރިމެޗް ސީދާ ދެ ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިމެޗްގެ ދެސެޓް ބާރޓީ ކާމިޔާބުކުރީ ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ. ހަތަރުވަނަ ބުރުގައި ބާރޓީ ބައްދަލުކުރާނީ އެމެރިކާގެ ޝެލްބީ ރޮޖަރސްއާއެވެ. ރޮޖަރސް ހަތަރުވަަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި އެސްޓޯނިއާގެ އެނެޓް ކޮންޓަވެއިޓް އާއި ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ.

މިމުބާރާތުގައި ހަވަނައަށް ސީޑް ކުރެވިފައިވާ ޗެކްރިޕަބްލިކްގެ ކެރޮލީނާ ޕްލިސްކޯވާ އާއި ކަރޮލިނާ މުޗޯވާ ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކުރީ މުޗޯވާއެވެ. އެއީ ހަތެއް ފަހެއް އަދި ހަތެއް ފަހަކުންނެވެ. މިމެޗްގެ ފުރަތަމަ ސެޓުން ބަލިވުމާއެކު ޕްލިސްކޯވާ އޭނާގެ ރެކެޓް ހަލާކުކޮށްލުމުން މެޗްގެ އަމްޕަޔަރުވަނީ އޭނާއަށް ކޯޑް ވައަލޭޝަންއެއް ދީފައެވެ. ހަތަރުވަނަ ބުރުގައި މުޗޯވާ ބައްދަލުކުރާނީ މުބާރާތުގެ 18 ވަނައަށް ސީޑް ކުރެވިފައިވާ ބެލްޖިއަމްގެ އެލީސަ މާރޓެންސްއާއެވެ. މާޓެންސް ހަތަރުވަނަ ބުރުން ޖާގަހޯދީ 11 ވަނައަށް ސީޑް ކޮށްފައިވާ ބެލިންޑާ ބެންޗިޗް އާއި ބައްދަލުކުރިމެޗް ހައެއް ދެއް އަދި ހައެއް އެކަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

ފަސްވަނައަށް ސީޑް ކުރެވިފައިވާ އެލީނާ ސްވިޓޮލީނާ އާއި ކަޒަކިސްތާންގެ ޔޫލިއާ ޕުޓިންޓްސެވާ ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކުރީ ސްވިޓޮލީނާއެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ސުމަކުންނެވެ. ޔޫކްރެއިންގެ ސްވިޓޮލީނާ ހަތަރުވަނަ ބުރުގައި ބައްދަލުކުރާނީ ފަރަންސޭސިވިލާތުގެ ކްރިސްޓީނާ މްލަޑެނޮވިޗް އާއި ބައްދަލުކޮށް ސިދާ ދެސެޓުން މެޗް ކާމިޔާބުކުރި އެމެރިކާގެ ޖެސިކާ ޕެގުލާ އާއެވެ.