ޚަބަރު

ޓުއަރިޒަމާއި ޑިފެންސަށް މިނިސްޓަރުން އައްޔަންކޮށްފި


މިނިސްޓަރ އޮފް
ޓުއަރިޒަމްގެ މަޤާމަށް މުސާ ޒަމީރު، އަދި ޑިފެންސް މިނިސްޓަރުކަމަށް އާދަމް ޝަރީފް
ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވައިފިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި މި ދެބޭފުޅުން މަޤާމާއި
ހަވާލުވެވަޑައިގަތުމުގެ ކުރިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ
ކުރިފުޅުމަތީގައި މަޤާމުގެ ހުވާ ކުރެއްވިއެވެ.



ރައީސުލްޖުމްހޫރިއްޔާ
މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމަށް އައްޔަންކުރެއްވި އާދަމް ޝަރީފް އުމަރު ކުރިން
ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ. ޓުއަރިޒަމް
މިނިސްޓަރަކަށް އައްޔަންކުރެއްވި މޫސާ ޒަމީރަކީ ސަތާރަވަނަ ރައްޔިތުންގެ
މަޖިލީހުގައި ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.



ރައީސުލްޖުމްހޫރިއްޔާ
ޑިފެންސް މިނިސްޓަރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފައި މިވަނީ ކުރިން
އެމަޤާމުގައި ހުންނެވި މޫސާ އަލީ ޖަލީލު މިމަހުގެ ތޭރަވަނަ ދުވަހު މަޤާމުން
ވަކިކޮށްފައިވަނިކޮށެވެ.



ޓުއަރިޒަމް މިނިސްޓަރުކަމުގެ
މަޤާމަށް މޫސާ ޒަމީރު އައްޔަންކޮށްފައި މިވަނީ ކުރިން އެމަޤާމުގައި ހުންނެވި
އަހުމަދު އަދީބް ނައިބު ރައީސްކަމުގެ މަޤާމަށް އައްޔަންކުރުމާއި ގުޅިގެން
އެމަޤާމުގައި ހުސްކޮށް އޮންނަތާ ދުވަސްކޮޅެއް ފަހުންނެވެ.