ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ އެއާލައިންތަކަށް އެހީވުމަށް 14 ބިލިއަން ޑޮލަރު

އެމެރިކާގެ އެއާލައިންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދިނުމުގައި އެހީތެރިވެދިނުމަށް އިތުރު 14 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ޤައުމުގެ ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ކަމާއިބެހޭ ކޮމިޓީން ރުހުން ދީފިއެވެ.

މި އެހީތެރިކަން ވެގެންދާނީ އެއާލައިން ދާއިރާއަށް ސަރުކާރުގެ ފަރާތުން ފައިސާގެ އެހީތެރިކަންދޭ ތިން ވަނަ ފަހަރަށެވެ.

އެމެރިކަން އެއާލައިންސާއި ޔުނައިޓެޑް އެއާލައިންސުން ވަނީ އެއާލައިންތަކަށް ދޫކޮށްފައިވާ މާލީ އެހީތެރިކަމުގެ މުއްދަތު އޭޕްރިލް މަހުގެ 1 ވަނަ ދުވަހު ހަމަވުމުން އަލުން އައު ނުކޮށްފިނަމަ ކޯވިޑް-19ގެ ސަބަބުން ދިމާވެފާއިވާ މާލީ ދަތިކަމުގެ ސަބަބުން މުސާރަ ނުލިބޭގޮތަށް ގޭގައި މަޑުކުރުމަށް 27000 މުވައްޒަފުންނަށް އަންގަން ޖެހޭނެކަމަށް ބުނެފައެވެ.

އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ފައިނޭންޝަލް ސާވިސަސް ކޮމިޓީއިން ވަނީ ސެޕްޓެމްބަރު މހުގެ ނިޔަލަށް މުސާރަ ދިނުމަށް އެހީތެރިވުމަށް އެއާލައިންތަކަށް 14 ބިލިއަން އެމެރިކާ ޑޮލަރު އަދި ކޮންޓްރެކްޓަރުންނަށް އެއް ބިލިއަން ޑޮލަރު ދިނުމަށް ރުހުން ދީފައެވެ. އެ ފައިސާ ހިމަނާނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ރިލީފު ޕެކޭޖުގެ ތެރޭގައެވެ. ބައިޑަން ފުރަތަމަ ހުށަހެޅުއްވި ޕެކޭޖުގައި އެއާލައިންތަކަށާއި ކޮންޓްރެކްޓަރުންނަށް އެހީތެރިވުމަށް ފައިސާ ހިމަނާފައެއް ނުވެއެވެ. ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް، ނެންސީ ޕެލޯސީ ވިދާޅުވީ ފެބްރުއަރީމަސް ނިމުމުގެ ކުރިން އެ ބިލު ޤާނޫނަކަށް ހެދޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރު މަދުވެފައިވާ މި ދަނޑިވަޅުގައި އެއާލައިންތަކަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ. އެމެރިކަން އެއާލައިންސުން ނެރުނު ބަޔާނެއްގައި ބުނީ ޕޭރޯލް ސަޕޯޓު ޕުރޮގްރާމު ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ކޮމިޓީން ރުހުން ދިނުމަކީ އެ އެއާލައިނުގައި މަސައްކަތްކުރާ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަމަށަވެ.

ދުނިޔޭގެ ޕައިލެޓުންގެ އެންމެ ބޮޑު ޔޫނިއަން ކަމަށްވާ އެއާލައިން ޕައިލެޓްސް އެސޯސިއޭޝަނުން ބުނީ ސަރުކާރުގެ ޕެކޭޖުގެ ދަށުން ފައިސާ ދޫކުރުމުން ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް މަސައްކަތްތެރިންގެ މުސާރަ ޔަޤީންވެ، އިތުރު މާލީ ގެއްލުންތައް ލިބުމުން ރައްކާތެރިކޮށްދޭނެކަމަށެވެ.
ނަމަވެސް އެމެރިކާގެ ބައެއް ބަޖެޓު އެއާލައިންތަކުން ވަނީ މި އަހަރުގެ ތެރޭގައި އެ އެއާލައިންތަކަށް އިތުރު ޕައިލެޓުން ނަގާނެކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ސްޕިރިޓް އެއާލައިނާއި އެލީޖިއެންޓް ޓްރޭވެލްއާއި ފްރަންޓިއާ އެއާލައިންސް ހިމެނެއެވެ.