ކުޅިވަރު

ޔޫޓާ ޖޭޒް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް ޖޭޒް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ސެން އެންޓޯނިއޯ ސްޕަރސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް ސްޕާރސް ކާމިޔާބުކޮށްފިއެވެ. މި މެޗް ސްޕަރސް ކާމިޔާބު ކުރީ 125 ޕޮއިންޓް 114 ޕޮއިންޓުންނެވެ. މިމެޗްގައި ސްޕަރސްގެ ޑިމާރ ޑިރޮޒާންވަނީ އެޓީމަށް 23 ޕޮއިންޓް ހޯދައިދީފައެވެ. އަދި ކެލްޑަން ޖޯންސަންވަނީ 20 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދިން ޓްރެއި ޔަންގއެވެ. އަދި ސްކައިލަރ މޭސްވަނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދީފައެވެ.

މި މުބާރާތުގައި ޔޫޓާ ޖޭޒް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗް ޖޭޒް ކާމިޔާބުކުރީ 129 ޕޮއިންޓް 115 ޕޮއިންޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނެގި ރޫޑީ ގޮބަރޓް އާއި 27 ޕޮއިންޓް ހޯދައިދިން ޖޯ އިންގްލެސްއެވެ. އަދި ބަކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 29 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގާ 6 އެސިސްޓް ކުރި ޖިއާނިސް އެންޓެޓޮކޮއުންޕޯއެވެ.


މީގެއިތުރުން ލޮސް އެންޖަލިސް ކްލިޕަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދައިދިން ކައުހީ ލިއޮނާރޑްއެވެ. އަދި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނެގި ޒެކް ލަވީންއެވެ.

ޑެލަސް މެވްރިކްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 143 ޕޮއިންޓް 130 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ އެޓީމަށް 46 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 12 އެސިސްޓް ކޮށްފައެވެ. އަދި ޕެލިކަންސްގެ ޒިއޮން ވިލިއަމްސަންވަނީ އެޓީމަށް 36 ޕޮއިންޓް ހޯދައިދީފައެވެ.
މީގެއިތުރުން ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ނިއުޔޯކް ނިކްސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 91 ޕޮއިންޓުން ނިކްސް ކާމިޔާބުކުރިއިރު ޗާލޮޓް ހޯނެޓްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބުކުރީ ހޯނެޓްސްއެވެ. ޑެޓްރޮއިޓް ޕިސްޓަންސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 102 ޕޮއިންޓުން ޕިސްޓަންސް ކާމިޔާބުކުރިއިރު ޑެންވަރ ނަގެޓްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރި މެޗް 97 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ.