ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ހަތަރުވަނަ ބުރުން ސެރީނާ ޖާގަހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުން ސެރީނާ ވިލިއަމްސް ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ހަތަރުވަނަ ބުރުން ސެރީނާ ޖާގަހޯދީ ރަޝިޔާގެ އަނަސްޓޭޝިއާ ޕޮޓަޕޯވާ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ސެރީނާ މިމެޗް ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހަތެއް ހައެއް އަދި ހައެއް ދެއަކުންނެވެ. މިމެޗްގެ ފުރަތަމަ ސެޓްގައި ސެރީނާއަށް މާރަނގަޅަކަށް ނުކުޅެވުނެވެ. މިގޮތުން ފުރަތަމަ ސެޓްގައި ފަސް ގޭމް ތިން ގޭމުން ފަހަތުގައިވެސް ސެރީނާ އޮތެވެ. އަދި މިސެޓް ކާމިޔާބުކުރީ ޓައި ބްރޭކަކަށް ގޮސްގެންނެވެ. މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި ސެރީނާ ވާދަކުރާނީ ބެލަރޫސްގެ އަރީނާ ސަބަލެންކާ އާއެވެ. މި މުބާރާތުގެ ހަތަރުވަނަ ބުރުން ސަބަލެންކާ ޖާގަހޯދީ އެމެރިކާގެ އާން ލީ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ދެއަކުންނެވެ.

މިމުބާރާތުގެ ހަތަރުވަނަ ބުރުންވަނީ ޖަޕާންގެ ނައޯމީ އޮސާކާވެސް ޖާގަހޯދާފައެވެ. އެއީ ޓިއުނީޝިއާގެ އޮންސް ޖަބެއަރ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން މިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ދެއަކުންނެވެ. ހަތަރުވަނަ ބުރުގައި ނައޯމީ ބައްދަލުކުރާނީ ގާބީން މުގުރުޒާ އާއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި މުގުރުޒާ ހަތަރުވަނަ ބުރުން ޖާގަހޯދީ ކަޒަކިސްތާންގެ ޒަރީނާ ޑިޔާސްއާއި ބައްދަލުކުރިމެޗް ހައެއް އެކެއް އަދި ހައެއް އެކަކުން ކާމިޔާބުކޮށްގެންނެވެ.

މީގެއިތުރުން ޓައިވާންގެ ސިއެހް ސޫވެއި އާއި އިޓަލީވިލާތުގެ ސާރާ އިރާނީ ބައްދަލުކުރިމެޗް ދެސެޓް އެއްސެޓުން ކާމިޔާބުކޮށް ސޫވެއިވެސް ވަނީ ހަތަރުވަނަ ބުރުން ޖާގަހޯދާފައެވެ. ސޫވެއި ހަތަރުވަނަ ބުރުގައި ވާދަކުރާނީ ރުމޭނިއާގެ ސޮރާނާ ސިރްޓެއާ ސީދާ ދެސެޓުން ބަލިކޮށް ހަތަރުވަނަ ބުރުން ޖާގަހޯދި ޗެކްރިޕަބްލިކްގެ މާކެޓާ ވޮންޑްރޫސޯވާ އާއެވެ. މިމެޗް ވޮންޑްރޫސޯވާ ކާމިޔާބުކުރީ ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ. މުބާރާތުގެ ދެވަނަ ސީޑް ސިމޯނާ ހަލެޕްވެސްވަނީ ފަސޭހަ ކަމާއެކު ރަޝިޔާގެ ވެރޯނިކާ ކުޑަމެންޓޯވާ ސީދާ ދެސެޓުން ބަލިކޮށް ހަތަރުވަނަ ބުރުން ޖާގަހޯދާފައެވެ.