ޚަބަރު

ގައިޑްލައިނާއި ޚިލާފަށް މިއަދު ކުރި މުޒާހަރާއަށް ޖަވާބުދާރީ ވާންޖެހޭނެ - އިލެކްޝަންސް


އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާ އިންތިޒާމު ކުރި ސިޔާސީ ޕާޓީތަކުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ މާލޭގެ މަގުތަކުގައި ގިނަބަޔަކާއިއެކު ގައިދުރުކަމެއްނެތި އެއްވެ މުޒާހަރާ ކޮށްފައެވެ. ކޯވިޑްގެ ކޭސްތައް އިންތިހާއަށް މައްޗަށްގޮސް، ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ މިވަގުތުގައި މުޒާހަރާ ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވިޓެއްގައިވަނީ ސިޔާސީ ޕާޓީތަކުންވެސް ކޯވިޑްގެ މިހާލަތުގައި އެޗްޕީއޭއިން ޢާންމުކޮށްފައިވާ ގައިޑްލައިނަށް ތަބާވާން ޖެހޭކަމަށެވެ. މިއަދުގެ މުޒާހަރާގެ ވީޑިއޯއެއް ހިއްސާކޮށް ޝަރީފް ވިދާޅުވީ މިއަދުގެ މުޒާހަރާ އިންތިޒާމް ކުރި ޕާޓީއަކުން މިކަމަށް ޖަވާބުދާރީ ވާންޖެހޭނެކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައެއް ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބި ހޮސްޕިޓަލުގައިވަނީ ފަރުވާދީފައެވެ. މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، އެކި ސަރަހައްދުތަކަށް އެއްވެވަނީ އަޑު އުފުލާފައެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި ބިރުވެރިކަން އުފެއްދުމުގެ މަސައްކަތް ނުކުރުމަށާއި، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ނުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ކޯވިޑްގެ ކޭސްތައް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ މާލެ ސަރަހައްދުގައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ނުދުއްވޭނެ ގޮތަށް ހެދުމާއި، މާލެ ސަރަހައްދުގައި 10 މީހުންނަށްވުރެ ގިނައިން އެއް ނުވެވޭނެކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.