ސިއްހަތު

ހުޅުމާލޭގައި ކަރަންޓީން ފެސިލިޓީއެއް ގާއިމް ކުރަނީ


ހުޅުމާލޭގައި އަލަށް ޤާއިމްކުރާ
" ކަރަންޓީން ފެސިލިޓީ" ޢިމާރާތް ކުރުމަށް، ސަރުކާރުން ދޫކޮށްފައިވާ ބިން
ހެލްތު މިނިސްޓްރީން ރަސްމީކޮށް ހަވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހެލްތު
މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރ
އިރުތިޝާމް އާދަމްއެވެ. ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަންއެވެ. 

މި ރަސްމިޔާތުގައި ވާހަކަ
ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ ކަރަންޓީން ފެސިލިޓީގެ ޚިދުމަތަކީ ދިވެހިރައްޔިތުންނަށް
ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން
ފޯރުކޮށްދެންޖެހޭ ވަރަށް މުހިންމު ޚިދުމަތެއްކަމަށެވެ. އަދި މި ކަރަންޓީން ފެސިލިޓީ
ގާއިމުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް- އައިޑިބީގެ އެހީ ދިވެހިސަރުކާރަށް
ލިބިފައިވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. 

މި ފެސިލިޓީ ގާއިމުކުރެވި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ދޭން
ފެށުމާއެކު  ހަލުވިކަމާއެކު ފެތުރިގެންދާ ނުރައްކާތެރި
ބޮޑެތި ބަލިތަކުން ރާއްޖޭގެ ރައްޔިތުންނަށް ސަލާމާތާއި ރައްކާތެރިކަން ހޯދައި
ދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބައިނަލް އަގުވާމީ ފެންވަރުގައި
ރާއްޖެއަށް ތައާރަފްވެ، އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެކަމަށް
ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. 

މިރަސްމިޔާތުގައި ވާހަކަދައްކަވަމުން
އެޗް.ޑީސީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ މި ފެސިލިޓީ
ގާއިމުކުރުމަށް ހަމަޖެހިފައިވާ ބިމަކީ ހުޅުމާލޭގެ ހޮސްޕިޓަލާއި އިންވެގެން އޮންނަ ބިމެއްކަމަށެވެ. އަދި
މި ފެސިލިޓީ ގާއިމު ކުރުމުން ދިވެހި ހުރިހާ ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ
ފަތުރުވެރިންނަށް ފަސޭހަ ޚިދުމަތްތަކެއް ލިބިގެންދާނެ ފެސިލިޓީއަކަށް ވާނެކަމަށެވެ. 

ހުޅުމާލޭގައި ގާއިމުކުރެވޭ މި ކަރަންޓީން ފެސިލިޓީގެ ޑީޓެއިލް ޑީޒައިން
ތައްޔާރުކުރެވި ބިޑް ހުށަހެޅި ފަރާތްތަކުގެ ބިޑުތައް އިވެލުއޭޓް ކުރެވިފައިވާކަމަށް
ހެލްތު މިނިސްޓްރީން މައުލޫމާތުދެއްވައެވެ. 

އަންނަ ނޮވެމްބަރ މަހުގައި މި މަޝްރޫއުގެ އަމަލީ
މަސައްކަތް ފެށި އަހަރެއްހާ ދުވަހުގެތެރޭގައި މަސައްކަތް ނިންމާ ޚިދުމަތް
ދެވޭނެކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއްވައެވެ.