ކުޅިވަރު

ޗެލްސީ އިނގިރޭސި އެފް އޭ ކަޕްގެ ކްއާޓަރ ފައިނަލަށް


އިނގިރޭސި އެފްއޭ ކަޕްގެ ކްއާޓަރ ފައިނަލުން ޗެލްސީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޗެލްސީ ޖާގަހޯދީ ފަސްވަނަ ބުރުގައި ބާންސްލީ އާއި ރޭ ބައްދަލުކުރި މެޗް އެއް ލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގައި ޗެލްސީން ގިނަ އިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާ ރަނގަޅަށް ކުޅެފައިވަނީ ބާންސްލީއިންނެވެ. މިގޮތުން މެޗްގެ ފުރަތަމަ ހާފްގައި ބާންސްލީގެ ކުޅުންތެރިންވަނީ ޗެލްސީގެ ގޯޅަށް ނުރައްކާ ކޮށްފައެވެ. އަދި ބާންސްލީގެ ކެލުމް ބްރިޓަން ފޮނުވާލި ނުރައްކާތެރި ހަމަލާއެއްވަނީ ޗެލްސީގެ ގޯލް ރޭ ބަލަހައްޓަމުންދިޔަ ކެޕާ އަރީޒާބަލާގާ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިމެޗްގައި ޗެލްސީން ޖެހި ހަމައެކަނި ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހައިދިނީ ޓޮމީ އަބްރަހަމްއެވެ. މިއީ މިމެޗްގައި ޗެލްސީއަށް ބާންސްލީގެ ގޯޅަށް އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ހަމަލާއެވެ. މިމެޗް ނިމެން ދަނިކޮށް ބާންސްލީއަށް މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ބާންސްލީގެ ބަދަލު ކުޅުންތެރިޔާ މައިކަލް ސޯލްބައަރ ފޮނުވާލި ބޯޅަ ގޯލް ރޮނގުމަތިންވަނީ އަބްރަހަމް ދިފާއުކޮށްފައެވެ.

މި ކާމިޔާބީއާއެކު މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޗެލްސީ ޖާގަހޯދާފައިވާއިރު ކްއާޓަރ ފައިނަލްގައި ޗެލްސީ ވާދަކުރާނީ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާއެވެ.