ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ތިންވަނަ ބުރަށް ރަފައަލް ނަދާލް


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން މުބާރާތުގެ ދެވަނަ ސީޑް ރަފައަލް ނަދާލް ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ތިންވަނަ ބުރުން ނަދާލް ޖާގަހޯދީ ދެވަނަ ބުރުގައި އެމެރިކާގެ މައިކަލް މޯ އާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ ސެޓްތައް ނަދާލް ކާމިޔާބުކޮށްފައިވަނީ ހައެއް އެކެއް، ހައެއް ހަތަރެއް އަދި ހައެއް ދެޔަކުންނެވެ. 21 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމާއެކު މި މުބާރާތުގައި ވާދަ ކުރަމުންދާ ނަދާލް ތިންވަނަ ބުރުގައި ބައްދަލުކުރާނީ އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ އާއެވެ. މި މުބާރާތުގެ ތިންވަނަ ބުރުން ނޯރީ ޖާގަހޯދީ ދެވަނަ ބުރުގައި ރަޝިޔާގެ ރޯމަން ސަފިއުލިން އާއި ބައްދަލުކުރިމެޗް 3 ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. ވާރޭ ވެހުމުގެ ސަބަބުން ގިނަ އިރުތަކަކަށް މެދުކަނޑާލަން ޖެހުނު މިމެޗްގެ ސެޓްތައް ނޯރީ ކާމިޔާބުކުރީ ތިނެއް ހައެއް، ހަތެއް ފަހެއް، ހައެއް ތިނެއް އަދި ހަތެއް ހަޔަކުންނެވެ.

މި މުބާރާތުގައި ފަސްވަނަ ސީޑް ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއި އޮސްޓްރޭލިއާގެ ތަނާސީ ކޮކިނާކިސް ބައްދަލުކުރިމެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ސިޓްސިޕާސްއެވެ. އެއީ ހައެއް ހަތެއް، ހައެއް ހަތަރެއް، ހައެއް އެކެއް، ހައެއް ހަތެއް އަދި ހައެއް ހަތަރަކުންނެވެ. މި މުބާރާތުގެ ތިންވަނަ ބުރުގައި ސިޓްސިޕާސް ބައްދަލުކުރާނީ ސްވިޑްންގެ މައިކަލް ޔީމަރ އާއެވެ.

ތިންވަނައަށް ސީޑް ކުރެވިފައިވާ ރަޝިޔާގެ ދަނީލް މެޑްވެޑޭވް އާއި ސްޕެއިންގެ ރޮބާޓޯ ކާބަޔެސް ބައޭނާ ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ 25 ވަނަ އުފަން ދުވަސް ފާހަގަ ކުރަމުން ދިޔަ މެޑްވެޑޭވްއެވެ. އެއީ ހައެއް ދޭއް، ހަތެއް ފަހެއް އަދި ހައެއް އެކަކުންނެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީވިލާތުގެ ދެ ކުޅުންތެރިންކަމަށްވާ ފަބިއޯ ފޮގްނީނީ އާއި ސަލްވަޓޯ ކަރޫސޯ ބައްދަލުކުރިމެޗް ވެގެންދިޔައީ ކޯޓު ތެރެއާއި ބޭރުގައިވެސް ވަރަށް ފޯރިގަދަވި މެޗަކަށެވެ. މިގޮތުން ހަތަރު ގަޑިއެއްހާއިރަށް ދެމިގެންދިޔަ މިމެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ފޮގްނީނީއެވެ. އަދި ފަހު ސެޓް 85 މިނެޓަށް ދެމިގެން ދިޔައެވެ. އަދި މެޗް ނިންމާލުމަށްފަހު ދެކުޅުންތެރިން ސަލާން ކޮށްލި ވަގުތު މިމެޗް އެހާ ގިނައިރަށް ދެމިގެންދިޔައީ ކަރޫސޯގެ ނަސީބު ރަނގަޅުކަމުން ކަމުގައި ފޮގްނީނީ ބުނުމާއެކު ދެކުޅުންތެރިންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިގެންދިޔަތަން ފެނުނެވެ. ތިންވަނަ ބުރުގައި ފޮގްނިނީ ބައްދަލުކުރާނީ އުރުގުއާއީގެ ޕަބްލޯ ކުއޭވާސް އާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކުރި އޮސްޓްރޭލިއާގެ އެލެކްސް ޑި މިނުއަރ އާއެވެ. އޭނާ ސެޓްތައް ކާމިޔާބުކުރީ ހައެއް ތިނެއް، ހައެއް ތިނެއް އަދި ހަތެއް ފަހަކުންނެވެ.