ވިޔަފާރި

ހައިދަރުއާބާދުން ގޯ އެއަރގެ ސީދާ ދަތުރުތައް ރާއްޖެއަށް


ގޯ އެއަރއިން އިންޑިއާގެ ހައިދަރު އާބާދާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ. ގޯ އެއަރގެ މި ދަތުރުތައް އޮންނާނީ ހަފްތާއަކު ހަތަރު ދުވަހުއެވެ.

ގޯ އެއަރއިން ބުނީ ހައިދަރު އާބާދުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޖެނެރަލް ސޭލްސް އެޖެންޓަކީ ވޮޔަޖަސް މޯލްޑިވްސް އެވެ. ގޯ އެއަރއިން މިހާރުވެސް އަންނަނީ އިންޑިއާގެ ނިއުދިއްލީއާއި މުމްބާއީގެ އިތުރުން ބެންގަލޫރުން ސީދާ ދަތުރުތައް ރާއްޖެއަށް ކުރަމުންނެވެ.

މުމްބާއީން ރާއްޖެއަށް އަންނަ ޕްލައިޓްތަކުގެ ދަތުރުތައް އޮންނަނީ ކޮންމެ ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. ދިއްލީ ދަތުރުތައް އޮންނަނީ ހޯމަ، ބުދަ އަދި ހޮނިހިރުގައެވެ. އަދި ބެންގަލޫރް ދަތުރުތައް އޮންނަނީ ބުދަ ދުވަހާއި ހޮނިހިރު ދުވަހުއެވެ.

އިންޑިއާގެ އިންޑިގޯ އެއަރލައިނުންވެސް ދާދި ފަހުން ވަނީ ބެންގަލޫރުން ސީދާ ދަތުރުތައް ރާއްޖެއަށް ފަށާފައެވެ. މީގެކުރިން ހަފްތާއަކުން 3 ދުވަހު މި ފްލައިޓްތައް ބޭއްވިނަމަވެސް މިހާރު ހަފްތާގެ ކޮންމެ ދުވަހަކުވެސް މި ދަތުރުތައް އިންޑިގޯ އެއަރ އިން އަންނަނީ ބާއްވަމުންނެވެ.

އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 11.3 އިންސައްތަ ހިއްސާކުރަނީ އިންޑިއާ ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރަޝިޔާއެވެ. ދެވަނައިގައި އޮތީ އިންޑިއާއެވެ.