ޚަބަރު

ސަރުކާރަށް ބިމުގެ އަގު ކޮންޓްރޯލް ކުރެވޭ އިސްލާހު ބަލައިގެންފި


 ގޯތި
ނުވަތަ ބިން ވިއްކޭނެ އަގުތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބޭ
ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ. 



ބިމާ
ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ބިން ވިއްކޭނެ އަގުތަކާއި އުސޫލު ކަނޑައެޅުމުގެ
ބާރެއް ސަރުކާރަކަށް ނޯވެއެވެ. ނަމަވެސް ސަރުޚާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ
މެމްބަރު ޖައުފަރު ދާއޫދު ބިމާއި ބެހޭ ޤާނޫނަށް ހުށައެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ހައުސިން މިނިސްޓުރީން
ކަނޑައަޅާ ވަކި ހާއްސަ އުސޫލެއް ނުވަތަ ގަވާއިދެއްގެ ދަށުން މެނުވީ ބިން ނުވަތަ
ގޯތި ނުވިއްކޭ ނެކަމަށެވެ.
އަދި އެއްމެދު
އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓު ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއް،
ނުވަތަ ރަޖިސްޓުރީކޮށްފައިވާ ކުންފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާދާރުންނަކީ
ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވާން
ޖެހޭ ކަމަށާއި ނުވަތަ ރާއްޖޭގައި ރަޖިސްޓުރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހި
ޖަމިއްޔާއެއް ނުވަތަ ޖަމާއަތަކަށްވާން ޖެހޭ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.
މިއިސްލާހަށް ޖުމްލަގޮތެއްގައި ހުރިހާ މެމްބަރުންވެސް ތާއީދުކުރެއްވިއެވެ.
މެމްބަރުން ވިދާޅުވީ، ބިމެއް ނުވަތަ ގޯއްޗެއް ވިއްކާލާއިރު ވާރިސުން ދިރިއުޅޭނެ
ގޮތެއްވެސް ވިއްކާލާ ފަރާތުން ހޯދައިދޭނެ ގޮތްތަކެއް ކަނޑައަޅެން ޖެހޭނެކަމަށެވެ. އަދި
ގޯތި ގެދޮރު ކުށްޔަށް ދޭއިރު ކުލި ކޮންޓްރޯލް ކުރެވޭނެ އުސޫލުތަކެއް މި ގާނޫނުގައި
ކަނޑައެޅުމުގެ މުހިއްމުކަމުގެ މައްޗަށް މެމްބަރުން އަލިއަޅުއްވާލައްވާ ވާހަކަ
ދެއްކެވިއެވެ.



ބިމާއި
ޤާނޫނަށް ހުށައެޅި އިސްލާހުގައި ބުނެފައިވަނީ، ނުއަގުގައި ގޯތި އަދި ބިން
ވިއްކުމުގެ މުއާމަލާތްތައްކޮށް، އަދި އޭގެ ސަބަބުން މިފަދަ މުއާމަލާތްތަކުން
ސަރުކާރަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ދަށްވެގެން ދިއުމުން ދައުލަތުގެ
އާމްދަނީއަށް ނޭދެވޭ އަސަރު ކުރަމުންދާކަމަށެވެ. އެހެންކަމުން އެކަން ހައްލު
ކުރުމަކީ މިއިސްލާހު ހުށައެޅުމުގެ ބޭނުމެއް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން،
މިހާރު ޤާނޫނު އޮތް ގޮތުން ބިމާ / ވަކިން އެއްމެދު އިމާރާތްތައް ވިއްކުމުގެ
މުޢާމަލާތްތަކުން ޓެކްސް ނުނެގޭތީ، އެކަން ޙައްލުކުރުމަށާއި، ބަންޑާރަގޯތި ސަރުކާރުން
ކަނޑައަޅާ ގޮތެއްގެ މަތިން ސަރުކާރުގެ ފަރާތުން ވިއްކުމަށް މަގުފަހިކުރުންވެސް
މިއިސްލާހު ހުށައެޅުމުގެ މަޤްޞަދުގައި ބުނެފައިވެއެވެ.