ޚަބަރު

ވެކްސިންގެ ބިލު ހިމެނޭހެން 33 ބިލެއް މަޖިލީހަށް ހުށައަޅަނީ


ކޯވިޑް-19ގެ ވެކްސިން ދިނުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލާއެކު 33 ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރަށް ހުށައެޅުމަށް ނިންމައި އެބިލްތަކުގެ ލިސްޓް މަޖިލީހަށް ފޮނުވައިިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅާ ބިލްތަކުގެ ލިސްޓް މިއަދު މަޖިލީހަށް ފޮނުވާފައިވާކަމަށެވެ. މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ބިލް ތަކުގެ ތެރޭގައި މުޅިން އަލަށް އެކުލަވާލާ ޤާނޫނުގެ ބިލްތަކާއި މިހާރުވެސް އަމަލުކުރެވެމުން އަންނަ ޤާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް 15 ޤާނޫނެއް އެކުލަވާލާ ބިލް ހިމެނެއެވެ. އަދި މިހާރު ޢަމަލުކުރެވެމުންދާ 16 ޤާނޫނަކަށް އިޞްލާހު ގެނައުމަށް ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލާއި، އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، ހެއްކާބެހޭ ގާނޫނުގެ ބިލާއި، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ އުފެއްދުމުގެ ގާނޫނުގެ ބިލް ހިމެނެއެވެ. އަދި ފޮރިން އިންވެސްޓްމެންޓުގެ ގާނޫނުގެ ބިލާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ގާނޫނުގެ ބިލާއި، ނަފްސާނީ ސިއްހަތާ ބެހޭ ގާނޫނުގެ ބިލާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކުރުމާ ގުޅޭ ގާނޫނުގެ ބިލްވެސް ހިމެނެއެވެ.

އިޞްލާޙު ގެނައުމަށް ނިންމާފައިވާ ބައެއް ބިލްތަކުގެ ތެރޭގައި ޕެންޝަނާ ބެހޭ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ކޯޓުތަކުގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ގާނޫނީ ފަންނުގެ ގާގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، އިންތިގާލީ އިންސާފުގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ މިދައުރުގައި މުހިންމު ޤާނޫނުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ.