ކޯވިޑް-19 ކޮންޓްރޯލްކޮށް މ.ކޮޅުފުށީގެ މޮނިޓަރިންގެ ޙަލަތު އުވާލައިފިއެވެ. މިދިޔަ މަހުގެ 24ވަނަ ދުވަހު ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެނައީ އެރަށުން މާލެ އައި މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ރަށުގައި ބަލި އުޅޭތޯ ބެލުމަށް އެރަށުން ފުރަތަމަ ނެގި 100 ސާމްޕަލްގެތެރެއިން 9މީހުން ޕޮޒިޓިވްފައިވެއެވެ. ކޮޅުފުށީ ކްލަސްޓަރގައި 30އަށްވުރެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.
ކޮޅުފުށި މޮނިޓަރިންގެ ޙަލަތުން ނަގާފައި މިވަނީ 17 ދުވަސް ފަހުންނެވެ. މޮނިޓަރިންގެ ޙަލަތާ ގުޅިގެން ރަށަށް އަރާފޭބުން މަނާކޮށްފައި އޮތުމަށްފަހު، މި ޙާލަތު އުވާލުމާ ގުޅިގެން މިހާރު ރަށަށް އަރާ ފޭބުމުގެ ހުއްދަވަނީ ދީފައެވެ. މި ޙަލަތު އުވާލީ ރަށުން އިތުރު ރެންޑަމް ސާމްޕަލްތައް ނެގުމަށްފަހު، ހުރިހާ ސާމްޕަލްތައް ނެގެޓިވްވުމާ ގުޅިގެންނެވެ.
މޮނިޓަރިންގެ ޙާލަތު އުވާލާފައިވާތީ، އެރަށުގައި މޮނިޓަރިންގެ ޙާލަތާ ގުޅިގެން އެޅި އެންމެހާ ފިޔަވަޅުތައްވެސްވަނީ އުވާލާފައެވެ. ކޮޅުފުށީ ކައުންސިލުން ވިދާޅުވީ ރަށުގައި އިތުރަށް ބަލި ފެތުރުނަ ނުދީ ކޮންޓްރޯލްކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބުނުކަމަށެވެ. ބަލި ރަށުގައި ކޮންޓްރޯލް ކުރި ނަމަވެސް، ބޭރަށް ނިކުމުގެ އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާ، އެޗްޕީއޭގެ ގައިޑްލައިންތަކަށް ރައްޔިތުން ސަމާލްކަންދިނުމަށް ކައުންސިލުންވަނީ އަންގާފައެވެ.
ބަލި ފެތުރި މިވަގުތުވެސް ގިނަ ރަށްތަކެއް މޮނިޓަރިންގެ ޙާލަތުގައި ވެއެވެ. މީގެތެރެއިން އެންމެ ބޮޑު ކްލަސްޓަރއެއް އޮތީ އައްޑޫ ސިޓީގައެވެ. އައްޑޫގައި އޮތް 2 ކްލަސްޓަރގައި މިހާތަނަށް 55މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި 8 މީހުން ޕޮޒިޓިވްވުމާ ގުޅިގެން ފުވައްމުލައް ސިޓީވެސް އޮތީ މޮނިޓަރިންގައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ 40އަށްވުރެ ގިނަ ރަށުން ކޯވިޑް-19ގެ ކޭސްތައް ފެނިފައިވެއެވެ. މީގެތެރޭގައި ކަރަންޓީނުގައި ތިއްބާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު މީހުން ގިނައެވެ. މިވަގުތުވެސް އަތޮޅުތަކުގައި ބައްޔަށް ޕޮޒިޓިވް 166އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.