ދުނިޔޭގެ ވިޔަފާރި

ޖެނުއަރީމަހު ލަންކާއަށް ޒިޔާރަތްކުރީ 1628 ފަތުރުވެރިން


މި ނިމުނު ޖެނުއަރީމަހު ސްރީލަންކާއަށް ޒިޔާރަތްކޮށްފައިވަނީ 1628 ފަތުރުވެރިންކަމަށް އެޤައުމުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.

ސްރީ ލަންކާގެ ބޯޑަރުތައް 9 މަސްދުވަހަށް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 21ވަނަ ދުވަހުއެވެ. ޖެނުއަރީމަހު އެޤައުމަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 87 އިންސައްތަ ފަތުރުވެރިންނަކީ ޔޫކްރެއިން ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އެޤައުމަށް ގޮސްފައިވަނީ އިންޑިއާ ބެލަރުސް، ޗައިނާ، ރަޝިއާ އަދި ޖަރުމަންވިލާތުންނެވެ.

ލަންކާއިންދަނީ އިންޑިއާއިން އެޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށްޓަކައި އެއަރ ބަބުލްއެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މިކަމާއި ގުޅޭ މަޝްވަރާތައް ދެޤައުމު ދެމެދުދަނީ ކުރެވެމުންނެވެ.

ސްރީލަންކާއިންވަނީ މިއަހަރުތެރޭ 1.5 މިލިއަން ފަތުރުވެރިން އެޤައުމަށް ޒިޔާރަތްކުުރާނެ ކަމަށް ލަފާކޮށްފައެވެ. އެޤައުމުންދަނީ މިއަދަދާއި ހަމައަށް ފަތުރުވެރިން އެޤައުމަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 2500 ފަތުރުވެރިން ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމް ވަަނީ ހަމަޖައްސާފައެވެ.

ފަތުރުވެރިންނަށް ލަންކާ ހުޅުވާލާފައިވާއިރު، ފުރަތަމަ ހުޅުވާލާފައިވަނީ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓާއި ލަންކާގެ ދެކުނުގައި އޮންނަ މައްތަލަ އެއަރޕޯޓެވެ.

ފަތުރުވެރިން އައުމުގެ ހުއްދަ ލަންކާ ސަރުކާރުން ދީފައިވަނީ ޚާއްސަ ގައިޑްލައިންތަކަކާއި އެކުއެވެ. އެގޮތުން 96 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއް އޮތުމާއި، ކޯވިޑް އިންޝުއަރެންސެއް ހެދުން ހިމެނެއެވެ. ގައިޑްލައިންގައިވާ ގޮތުން ލަންކާއަށް އަންނަ ފަތުރުވެރިން ބުކިން ހައްދަންޖެހޭނީ، ލަންކާ ސަރުކާރުން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ހޮޓާތަކުންނެވެ.