ޚަބަރު

ޓެރަރިޒަމްގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި


ކުށްކުރާ
ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ހިމެނޭގޮތަށް އެކުލަވާލާފައިވާ ޓެރަރިޒަމްގެ ބިލް
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ކޮމިޓީން އަލުން މުރާޖާކުރުމަށްފަހު މިއަދު ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ
ތަސްދީޤްކުރައްވާ ދުވަހުން ފެށިގެން އަމަލުކުރަންޖެހޭނެއެވެ.

މިބިލް
ފާސްވީ ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ ތެރެއިން 49 މެމްބަރުންގެ ވޯޓުންނެވެ.

މިބިލްގައި
ރާއްޖެއިން ބޭރުގައި ހިނގާ އެކިއެކި ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދާދިވެހިންނާއިމެދު
އަމަލުކުރާނެ ގޮތްތަކެއްވެސް ބަޔާންކޮށްފައިވެއެވެ.  

މިބިލް
މަޖިލީހުން ފާސްކޮށް ތަސްދީގުކުރުމާ އެކު މިހާރު އަމަލުކުރާ ޓެރަރިޒަމް މަނާކުރުމުގެ
ގާނޫނު އުވޭނެއެވެ. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ހުށައަޅުއްވާފައިވާ
މިބިލްގައި ބުނެފައިވާ ގޮތުގައި ދިވެއްސަކު ރާއްޖޭން ބޭރުގައި ހިންގާ ޓެރަރިޒަމްގެ
އަމަލުތަކާއި ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ވެސް ކުށެކެވެ.


އެގޮތުން
ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމާއި، ބައިވެރިވުމަށް ރާއްޖެދޫކޮށް
ދާން އުޅުމާއި، ރާއްޖެ ދޫކޮށް ދިއުމަކީވެސް ކުށެކެވެ.

 މިބާވަތުގެ ކުށެއްކޮށްފިނަމަ
އަދަބަކީ، 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުންކަމަށް ބިލުގައި
ބުނެފައިވެއެވެ.

މިބިލްގައި
ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް، ނުވަތަ އާންމުންނަށް ބިރު
ދެއްކުމަށް ނުވަތަ އާންމުންގެ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް، ނުވަތަ
ގާނޫނާ ހިލާފަށް ސިޔާސީ، ދީނީ ނުވަތަ އެހެނިހެން ވެސް ފިކުރެއް ކުރިއަރުވަން ކުރާ ކަންކަމަކީވެސް
ކުށެކެވެ.

އެގޮތުން
އެއިން މަގުސަދެއް ހާސިލްކުރަން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް
ގެއްލުން ދިނުމާއި، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި،
މުދަލަށް ގެއްލުން ދިނުމާއި، ފުރާދުއްވާ އެއްޗެހި ހައިޖެކްކުރުމާއި، ސިއްހީ ގޮތުންނާއި
ސަލާމަތީ ގޮތުން ނުރައްކާތެރިވާ ފަދަ ހާލަތެއް ކުރިމަތިކުރުވުމާއި، މުހިންމު އުމްރާނީ
ވަސީލަތްތަކަށް ގެއްލުން ދިނުން ނުވަތަ ހިދުމަތް މެދުކަނޑުވާލުމަކީ ވެސް ޓެރަރިޒަމްގެ ކުށެކެވެ.

ސީދާ
ގޮތުންނާއި ނުސީދާ ގޮތުން ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރުދިނުމަކީ ވެސް ކުށެކެވެ.
 

މިހާރު
އަމަލުކުރާ ގާނޫނުގައި ޓެރަރިޒަމްގެ ކުށަކަށް ދެވޭ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް
ޖަލަށް ލުން ކަމުގައި ވީނަމަވެސް މުހައްމަދު އަބްދުﷲ ހުށައެޅުއްވި މިބިލްގައި ޓެރަރިޒަމްގެ
އަމަލެއް ހިންގުމުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.
އަދި ޓެރަރިޒަމްގެ ޖަމާއަތްތަކުގެ ލިޔެކިޔުން ފެތުރުމާއި ޝާއިއުކުރުމަކީ، އަދި ޓީވީ،
ރޭޑިއޯ އަދި އިންޓަނެޓް މެދުވެރިކޮށް ފެތުރުމަކީ ވެސް ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައަޅާފައިވޭ.
ސަރުކާރަށް ތާއީދުކުރާ މެމްބަރުން ތާއީދުކޮށް ވާހަކަ ދެއްކެވިނަމަވެސް އިދިކޮޅު ފަރާތްތަކުން
މި ބިލަށް ތާއީދުކޮށްފައެއް ނުވޭ.

ޓެރަރިޒަމްގެ
ތުހުމަތުތަކާ ގުޅިގެން މީހުން މޮނިޓަރކޮށް ކޮންޓްރޯލް ކުރެވޭނެ އާ ނިޒާމެއް ގާއިމުކުރުމަށްވެސް
ބިލްގައި ހިމަނާފައިވެއެވެ.

އެގޮތުން
ޓެރަރިޒަމްގެ ތުހްމަތުގައި މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނަ
މީހެއްގެ މައްޗަށް، އެ މީހަކު އުޅޭނޫޅޭ ގޮތް ބެލުމަށާއި އެ މީހާގެ މުއާމަލާތްތަކާއި
ފައިސާ އާއި މުދަލުގެ މަޢުލޫމާތު ދިނުމަށް ކޯޓުގެ އަމުރެއްގެ ދަށުން އެންގޭނެ ކަމަށް
ބިލްގައި ބުނފައިވެއެވެ.