ޚަބަރު

އީސީއަށް ޑރ.ޒާހިރު އައްޔަންކުރުމަށް ކޮމިޓީން ރުުހުންދީފި


އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޑރ. މުހައްމަދު ޒާހިރަށް ރުހުން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ފާސްކޮށްފިއެވެ.

އިއްޔެ ބޭއްވި މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުމުގައި ޑރ.ޒާހިރަށް ރުހުން ދެއްވާފައިވަނީ ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަކްރަމް ވަކިކުރުމަށް ނިންމާފައިވަނިކޮށް، އޭނާ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 19 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ޑރ. މުޙައްމަދު ޒާހިރު ވަނީ މީގެ ކުރިންވެސް އެ ކޮމިޝަންގައި މަސައްކަތްކުރައްވާފައެވެ. ޑރ.ޒާހިރު ވަނީ ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ޤާނޫނު ބުނާގޮތުން މެމްބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެއެވެ. އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވައިގެން، މަޖިލީހުން ރުހުން ދިނުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފާއި، ނާއިބު ރައީސް އިސްމާޢީލް ޙަބީބާއި، މެންބަރު ޢަލީ ނަޝާތުއާއި މެންބަރު ފުއާދު ތައުފީޤްއެވެ.