ޚަބަރު

މިހާތަނަށް ދޫކުރާ އެންމެ ބޮޑު ސްޓޫޑެންޓް ލޯނު ސްކީމަށް ކުރިމަތިލުމަށް ހުޅުވާލައިފި


މިހާތަނަށް ހުޅުވާލާ އެންމެ ބޮޑު ލޯނު ސްކީމުގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލިކަން އިއުލާންކޮށްފައިވަނީ މިކަމާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާޙިމް ޙަސަންއެވެ.

ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ލޯން ސްކީމު 770 ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކޮށްފައިވާ 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަކޮށްފައިވާ 290 ޖާގައެވެ.
ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިކަން އިއުލާންކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ފުރުސަތުތައް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ މަތީ ތައުލީމު ހާސިލްކޮށްގެން އައިސް ދަރިވަރުން ގައުމަށާއި ގައުމުގެ އިޤްތިސާދަށް ފައިދާހުރި ރޮނގުތަކުން ޚިދުމަތްކުރުންކަމަށެވެ. އަދި ޒުވާނުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިފަހަރުގެ ލޯން ސްކީމްގައި ހިމެނޭ އެންމެ ޚާއްސަ އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މިފަހަރުގެ ލޯން ސްކީމްގައި ޖާގަ ހަމަޖައްސާފައިވުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކިޔަވާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެތެރެއިން ފުރުސަތު ދެއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" އަތޮޅުތެރެއިން މާލެ އައިސް ކިޔަވާ ދަރިވަރުންނާއި އަދި އަތޮޅުތެރޭގައި އެކުއްޖެއްގެ އުފަން ރަށް ދޫކޮށް އެހެން ރަށަކަށް ގޮސް ކިޔަވަން މަޖުބޫރުވެފައިވާ ދަރިވަރުންނަށް ވަރަށް ގިނަ އިތުރު ޚަރަދުތައް ކުރަންޖެހޭ. ދިރިއުޅުމުގެ ޚަރަދުތަކުގެ ތެރޭގައި ކުއްޔަށް އުޅޭ ތަނަށް ކުލި ދެއްކުން، ކަރަންޓު ބިލް ދެއްކުން، ފެން ބިލް ދެއްކުން މިއީ އިތުރަށް ކުރަންޖެހޭ ޚަރަދުތައް. އެހެންވީމަ އަޅުގަނޑުމެން މިއަހަރު ސަރުކާރުން މި ނިންމީ މިއަހަރުގެ މި ލޯން ސްކީމްގައި ފުރަތަމަ ޑިގްރީއަށް ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށްވެސް އެކުދިން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްޓަކާ މިލޯން ސްކީމުން ޖާގަދިނުމަށް." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ލޯން ސްކީމްގައި އެހެން އަހަރުތަކާއި ޚިލާފަށް އޯޕަން ކެޓެގަރީ ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ޕައިލެޓްކަމާއި އެމްބީބީއެސް ހިމެނެއެވެ. އަދި މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިންއަށް 20 ޖާގަ ވަނީ ހާއްސަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ ކުދިންނަށް 10 ޖާގައާއި މިހާރު ކިޔަވަމުންދާ ކުދިންނަށް 10 ޖާގަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަހަރު ހުޅުވާލި ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މާރޗްމަހުގެ 4 ވަނަ ދުވަހާއި ހަމައަށްވަނީ ހުޅުވާލާފައެވެ. މިފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކުން ލޯން ސްކީމްގެ މައުލޫމާތު ރަނގަޅަށް ހޯދުމަށްފަހު އެޕްލިކޭޝަންގެ ކަންކަން ކުރިޔަށް ގެންދިއުމަށް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަހަރުގެ ލޯން ސްކީމްގައި އެހެން އަހަރުތަކާއި ޚިލާފަށް ކިޔެވުމުގެ ޚަރަދު އެއްކޮށްދޭ ނުވަތަ ފުލް ފަންޑިންގ ދޭ ގައުމުތައްވަނީ އިތުރުވެފައެވެ. މީގެތެރެއިން ދަރިވަރުން ބޭނުން ގައުމަކުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް ފުލް ފަންޑިންގް ނުލިބޭ ގައުމުތަކަށް ދާނަމަ ބާކީ ޚަރަދުތައް ހަމަޖައްސަން ޖެހޭނީ ދަރިވަރުންނެވެ.

މިފަހަރުގެ ލޯން ސްކީމަށް އެދި ހުށަހެޅުމުގެ ފުރސަތު ހުޅުވާލާފައިވަނީ ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށްނެވެ. އަދި ލޯނަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޒަކާތު ފަންޑުގައި ފަގީރުންގެ ގޮތުގައި ދަފްތަރުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރުވެސް ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެތެރެއިން ކިޔެވުން ފުރިހަމަ ކުރުމަށް އޮތް މުއްދަތު ކުރު ދަރިވަރުންނަށް އިސްކަން ދެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.