ކުޅިވަރު

ސްޕެނިޝް ކޮޕާ ޑެލްރޭ ގެ ސެމީފައިނަލްގެ ފުރަތަމަ ލެގް ސެވިއްޔާ ކާމިޔާބުކޮށްފި


ސްޕެނިޝް ކޮޕާ ޑެލްރޭގެ ސެމީފައިނަލްގެ ފުރަތަމަ ލެގްގައި ސެވިއްޔާ އާއި އެފް.ސީ. ބާސެލޯނާ ބައްދަލުކުރިމެޗް ސެވިއްޔާ ކާމިޔާބުކޮށްފިއެވެ. މިމެޗް ސެވިއްޔާ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ފެނުނީ ވަރަށް ހަމަހަމަކުޅުމެކެވެ. މިމެޗްގައި ސެވިއްޔާއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ޖަހަދިނީ ޖޫލްސް ކޮއުންޑަރއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހާދިނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ބާސެލޯނާއިން ސެވިއްޔާއަށް ބަދަލުވި އިވާން ރަކިޓިޗްއެވެ. މި ލަނޑު ޖެހުމަށްފަހު ބާސެލޯނާއަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ރަކިޓިޗް އުފާފާޅުކޮށްފައެއް ނުވެއެވެ. ރަކިޓިޗްވަނީ ބާސެލޯނާއާއެކު 11 ތަށި ހޯދުމުގައި އެހީތެރިވެދީފައެވެ.

ބައިކޮޅަށް ލަނޑެއް ވަނަ ނުދީ މިމެޗް ކާމިޔާބު ކުރުމުން މިއަންނަ މާރޗްމަހުގެ 3 ވަނަ ދުވަހު ބާސެލޯނާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގްގެ މެޗަށް ނިކުންނައިރު ސެވިއްޔާއަށް ފައިދާ ބޮޑުވާނެކަމަށް ބެލެވެއެވެ. މިދެޓީމްވަނީ މީގެ ތިންއަހަރު ކުރިން މިމުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ. އެފަހަރުގެ މެޗް 5 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ބާސެލޯނާއެވެ.

މިމުބާރާތުގެ ދެވަނަ ސެމީފައިނަލް މެޗްގައި ވާދަކުރަނީ އެތުލެޓިކް ބިލްބާއޯއ އާއި ލެވެންޓޭއެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗްވެސް އަދި ވަނީ ނުކުޅެއެވެ. މިދިޔަ ސީޒަންގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ.