ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ތިންވަނަ ބުރަށް ސިމޯނާ ހަލެޕް އާއި ސެރީނާ ވިލިއަމްސް


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ދުނިޔޭގެ ދެވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ސިމޯނާ ހަލެޕް އާއި ސެރިނާ ވިލިއަމްސް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން ހަލެޕް ޖާގަހޯދީ ދެވަނަ ބުރުގައި އޮސްޓްރޭލިއާގެ އައިލާ ޓޮމްލިޔަނޮވިޗް އާއި ބައްދަލުކޮށް 2 ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތަރެއް ހައެއް، ހައެއް ހަތަރެއް އަދި ހަތެއް ފަހަކުންނެވެ. މިމެޗްގެ ފަހު ސެޓްގައި ފަސް ގޭމް ދެގޭމުން ޓޮމްލިޔަނޮވިޗް ކުރީގައި އޮތް ވަގުތެއްވެސް ދިޔައެވެ. ނަމަވެސް ހަލެޕްވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ހަތް ގޭމް ފަސް ގޭމުން މިސެޓް ކާމިޔާބުކޮށް ތިންވަނަ ބުރުން ޖާގަހޯދާފައެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން ސެރިނާ ވިލިއަމްސް ޖާގަހޯދީ ދެވަނަ ބުރުގައި ސަރބިއާގެ ނީނާ ސްޓޮޔަނޮވިޗް އާއި ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ސުމަކުންނެވެ.

ނުވަވަނައަށް ސީޑް ކުރެވިފައިވާ ޗެކް ރިޕަބްލިކްގެ ޕެޓްރާ ކްވިޓޯވާ އާއި ރުމޭނިއާގެ ސޮރާނާ ސަރސްޓިއާ ބައްދަލުކުރިމެޗް 2 ސެޓް އެއް ސެޓުން ކާމިޔާބުކުރީ ސޮރާނާއެވެ. އެއީ ހައެއް ހަތަރެއް، އެކެއް ހައެއް އަދި ހައެއް އެކަކުންނެވެ. އަދި 2019 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބު ކޮށްފައިވާ ބިއާންކާ އެންޑްރެސްކޫ އާއި ޓައިވާންގެ ސިއެހް ސޫވެއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކުރީ ސޫވެއިއެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ.

އަދި ޖަޕާންގެ ނައޯމީ އޮސާކާ އާއި ފްރާންސްގެ ކަރޮލީން ގާސިއާ އާއި ބައްދަލުކުރިމެޗް ސީދާ ދެ ސެޓުން ކާމިޔާބުކުރީ ނައޯމީއެވެ. އެއި ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ.