ވިޔަފާރި

އިރުމަތީ ޔޫރަޕްގެ 3 އެއަރލައިނެއްގެ ދަތުރުތައް ރާއްޖެއަށް


އިރުމަތީ ޔޫރަޕްގެ ތިން އެއަރލައިންއަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، އިރުމަތީ ޔޫރަޕްގެ ތިން އެއަރލައިންއިން ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ ޗާޓަރ ދަތުރުތަކެއް ކަމަށެވެ. ހަސަން ވިދާޅުވީ އަލަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ސްލޮވޭކިއާ، ބަލްޖޭރިއާ އަދި ޕޮލެންޑުގެ އެއަރލައިންތަކަކުންކަމަށެވެ.

' މިހާރުވެސް ރޯމޭނިއާއިން ބްލޫ އެއަރއިންދަނީ ޗަޓަރ ދަތުރުތައް ރާއްޖެއަށް ބާއްވަމުން، ސްލްވޭކިއާއިން ސްމާޓް ވިންގްއިން ފައްޓާނެ، ބަލްގޭރިއާއިން ގްލިވް އެއަރ، އަދި ޕޮލެންޑުން ލޮޓް ޕޮލިޝް ކިޔާ އެއަރލައިންއަކުންވެސް ޗާޓަރއެއްގެ ގޮތުގައި ފައްޓާނެ ފެބްރުއަރީ 19ވަނަ ދުވަހު،އީސްޓަން ޔޫރަޕް މަރކެޓްވެސް ހަމަ ރަނގަޅަށް މިދަނީ،" ހަސަން ވިދާޅުވިއެވެ.

އިންޑިއާގެ ހައިދަރުއާބާދާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް އިންޑިއާގެ ގޯ އެއަރއިން ނިންމައިފައިވާއިރު މި ދަތުރުތައްވެސް މިމަހުގެ 19 ވަނަ ދުވަހު ފެށިގެންދާނެ ކަމަށް ހަސަން ވިދާޅުވިއެވެ. އެ އެއަރލައިނުން ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ކުރާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި ހަމައަށް އެއް ޤައުމަކުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކީ ޗައިނާއެވެ. އެހެން ނަމަވެސް މިހާރު އެޤައުމުން ރާއްޖެއަށް އެއްވެސް އެއަރލައިންއަކުން ދަތުރުތައް ނުބާއްވައެވެ. ސަބަބަކީ ޗައިނާގެ ބޯޑަރުތައް ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލާފައިނުވާތީއެވެ. ހަސަން ވިދާޅުވީ އުއްމީދަކީ ދެ ސަރުކާރުގެ ދެމެދުގެ ވާހަކަތައް ދެކެވި، ޓްރެވަލް ބަބުލްއެއް ޤާއިމްކުރެވިގެންދިޔުންކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 27 އެއަރލައިންއަކުންދަނީ ދަތުރުތައް ބާއްވަމުންނެވެ. މިއާއެކު މިއަހަރުގެ ފުރަތަމަ 40 ދުވަސްތެރޭ ރާއްޖެއަށްވަނީ 119501 ފަތުރުވެރިން އައިސްފައެވެ.