ޚަބަރު

ކޯވިޑް-19 : އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އެއްބާރުލުންދޭ - މޭޔަރ

ކޯވިޑް-19ގެ ޙާލަތު ގޯސްވެ އައްޑޫ ސިޓީގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބޭކަމަށް އައްޑޫސިޓީ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަށް އައްޑޫގައި ދުވަހުންދުވަހަށް ދަނީ އިތުރުވަމުންނެވެ. ބުދަ ދުވަހުގެ ނިޔަލަށް އައްޑޫގެ މައިގަނޑު ދެ ކްލަސްޓަރ އިން ޕޮޒިޓިވް ވެފައިވަނީ 49 މީހުންނެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ ރައްތަކުން ފެންނަމުންދާ އޭވިއޭޝަން ކްލަސްޓަރ ކޭސްތަކަށް ބަލާއިރު މިހާތަނަށް 22 ކޭސް ފެނިފައިވާއިރު، ހުޅުމީދޫ އެމްޓީސީސީ ކްލަސްޓަރ އިން މިހާތަނަށް 26 ކޭސް ވަނީ ފެނިފައެވެ. މީގެ އިތުރުން ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ. އަދި މިހާތަނަށް ކްލަސްޓަރ ތަކުން 200 އަށްވުރެ ގިނަ ކޮންޓެކްޓް ވަނީ ފެނިފައެވެ.

އައްޑޫ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން އޮންލައިން ކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭއީއެޗްގެ ސީއީއޯ ޑރ.މުޙަންމަދު ޞާލިޙް ވިދާޅުވީ މިވަގުތުހެ ޙާލަތަށް ބަލާއިރު ބަލި ވަރަށްއަވަހަށް ފެތުރިގެން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިވަގުތު އެންމެ ރައްކާތެރި ގޮތަކީ ގޭގައި މަޑުކޮށްގެން ތިބުން ކަމަށްވެސް ޑރ.ޞާލިޙް ވިދާޅުވިއެވެ.

އައްޑޫގައި ކޯވިޑް ފެތުރޭތީ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މިސްކިތްތަކުގައި ޖަމާޢަތް މެދު ކަނޑާލުމާއި، ކެފޭ ރެސްޓޯރެންޓުތަކުން ޑެލިވަރީ ޚިދުމަތް އެކަނި ދިނުމާއި އަދި ރޭގަނޑު 8:00އިން ފަތިހު 4:00އަށް ކާފިއު ހިންގަން ވަނީ ފަށާފައެވެ. މީގެ އިތުރުން އެއްގެއިން އަނެއް ގެއަށް ދިއުން އަދި ޒަރޫރީ ނޫން ހަލާތްތަކުގައި ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ޖަމާޢަތުގައި ނަމާދު ކުރުން މެދު ކަނޑާލުމާއި އެއަވަށުން އަނެއް އަވަށް ހުއްދައާއި ނުލައި ނުދެވޭ ގޮތަށް ވަނީ ހަދާފައެވެ. މީގެ އިތުރުން ޓެކްސީ ތަކާއި ޕަބްލިކް ޓްރާންސްޕޯޓުގައި އެޗްޕީއޭގެ ގައިޑްލައިންތާކާއި އެއްގޮތަށް ބެހެއްޓުމަށް ވަނީ އަންފާއެވެ.

އައްޑޫސިޓީ މޭޔަރ އަބްދުﷲ ޞާދިޤް ފާހަގަ ކުރެއްވި ގޮތުގައި މިފިޔަވަޅުތަކަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް މާސްކް ނާޅައިގެން ޖޫރިމަނާ ކުރަންޖެހުނީ އެންމެ މީހެކެވެ.

އައްޑޫސިޓީގައި މިވަގުތު ފެންނަމުންދާ ކޯވިޑް-19ގެ ކޭސްތަކުގެ އިތުރުން ރާއްޖޭގެ ދެކުނުގެ ބައެއް ރައްތަކުންވެސް މިކޭސްތަކާއި ގުޅުންހުރި ކޮންޓެކްޓުންނާއި އަދި ޕޮޒިޓިވްވާ މީހުން ދަނީ ފެންނަމުންނެވެ.