ސިޔާސީ

ކޯލިޝަން ލީޑަރުންގެ މެދުގައި ގުޅުން ބަދަހި، ކަންކަމުގައި ލަފާދޭ - މަބްރޫކް


ކޯލިޝަން ލީޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މެދު މިހާރުވެސް ގުޅުންބަދަހިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް އައްޔަނުކުރެއްވިފަހުން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަން ލީޑަރުންގެ މެދުގައިއޮތް ގުޅުމާގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޯލިޝަން ލީޑަރުންގެ މެދުގައި ގުޅުން ބަދަހިކަމަށެވެ. އަދި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ލީޑަރުނާއި ރައީސް ޞާލިޙު ޤަވާއިދުން ގުޅުންވާކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ އަދި ލަފާފުޅުތައް ކޯލިޝަން ލީޑަރުން ދެއްވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ރައީސް ގުޅުން ބާއްވަވާ، އަދި އެގުޅުން ބަދަހި ކޯލިޝަންގެ ލީޑަރުންގެ މެދުގައި. ޤަވާއިދުން ފޯނުކުރައްވާ، އަދި މަޝްވަރާވެސް ކުރައްވާ. މުހިއްމު ކަންކަމުގައި އެބޭފުޅުންގެ ލަފައާއި މަޝްވަރާ އަރުވާ ސަރުކާރަކަށް. އެހެންވީމަ ކޯލިޝަންގެ ގުޅުން ހަމަ ވަރުގަދަކޮށް އޮތީ. އެގޮތަށް ދެމިއޮތުމުގެ ވިސްނުން ރައީސް ޞާލިޙުގެ އެބަހުރި. އަދި ކޯލިޝަން ލީޑަރުންވެސް އެގޮތަށް ދެކެވަޑައިގެން މަސައްކަތް ކުރައްވަނީ" މަބްރޫކް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ މިވަގުތު ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ބައެއް މުހިއްމު ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތަކުގެ ތެރެއިން 228 މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 379 މަޝްރޫޢެއް މިހާރު ނިމިފައިވާކަމަށާއި، 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ ބަޖެޓުގައި 229 މަޝްރޫޢެއް އަލަށް ފެށުމަށް ހަމަޖެހިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ރާއްޖޭގެ 199 ރަށެއްގައި 1،200 އަށްވުރެ ގިނަ މަޝްރޫޢު މި ދައުރުގެ ތެރޭގައި ފަށާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މި ވަގުތަކީ ނެޝެނަލް ރިކަވަރީ ރެޒީލިއަންސް ޕްލޭނެއް ސަރުކާރުން ތައްޔާރުކޮށް، ރާއްޖޭގެ އިޤްތިޞާދު އަނބުރާ އިޢާދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްކަމަށެވެ. އަދި އިޤްތިޞާދު ސިންދަފާތުކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މުހިއްމު މަސައްކަތްތަކެއް މިދަނޑިވަޅުގައިވެސް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.