ވިޔަފާރި

ވެކްސިން ޓޫރިޒަމް ތަޢާރަފްކުރުމުގެ ވިސްނުން އެބަހުރި: މައުސޫމް


ވެކްސިން ޓުރިޒަމް ކުރިއަށްގެންދާ ޤައުމަކަށް ރާއްޖެ ހަދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، ވެކްސިން ޓުރިޒަމް ތަޢާރަފްކޮށްފިނަމަ ދިގު މުއްދަތަކަށް ފަތުރުވެރިން ރާއްޖޭގައި ތިބޭނެކަމަށާއި، އެކަމުގެ ފައިދާ ވާނެކަމަށެވެ. އަދި ވެކްސިން ޓޫރިޒަމް ތަޢަރަފްކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެ ހަދަން ބޭނުންވާކަމަށާއި، އެކަމަށް މަސައްކަތްކުރައްވަމުން ގެންދަވާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީީސުލްޖުމްހޫރިއްޔާވެސް ގެންގުޅުއްވާ ވިސްނުންފުޅެއް އަދި އަޅުގަނޑުމެންވެސް ވަރަށް ތަޢީދުކުރާ ކަމެއް އެއީ ވެކްސިން ޓޫރިޒަމަށް. "ތިންވީ" ވިޒިޓް، ވެކްސިން، ވެކޭޝަން. އެ ޓޫރިޒަމް އަޅުގަނޑުމެން ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރި. އެއާއެކު އެންމެ ބޮޑޫ ފައިދާއެއް ވެގެންދާނީ ވެކްސިން ޑަބަލް ޑޯޒް ޖެހުންވެސް އެބައޮތް. އެބައި ސައިންޓިސްޓުން މިބުނަނީ 4 ހަފްތާފަހުން ވެކްސިން ދެވަނަ ޑޯޒް ޖަހަން. ބައެއް ދިރާސާތަކުގައި އެބަހުރި 3 ހަފްތާ ފަހުންވެސް ޑަބަލް ޑޯޒް ޖަހަންޖެހޭގޮތަށްވެސް. އެހެންވީމަ ކޮންމެ ގޮތެއްވިޔަސް 3 ހަފްތާ ފަތުރުވެރިން ތިބޭނެ ނޫނީ 4 ހަފްތާ. އެހެންވީމަ ދިގު މުއްދަތަަކށް ފަތުރުވެރިން ތިބުން ވާނީ ވަރަށް ބޮޑު ފައިދާއަކަށް." މައުސޫމް ވިދާޅުވިއެވެ.

ވެކްސިން ޓޫރިޒަމް ތަޢާރަފްކުރުމުގެ ވިސްނުންފުޅު ހުރިކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، އެކަމުގައި އަދި ގޮންޖެހުންތައް ހުރިކަންވެސް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ފުރަތަމަ ވެކްސިން ދިނުންކަމަށާއި، ދުނިޔޭގައިވެސް ވެކްސިން ލިބުމުގައި ދަތިތަކެއް ހުރިކަމަށެވެ. ނަމަވެސް ރާއްޖޭގެ ވެކްސިން ސްޓޮކަށް ބެއްލެވުމަށްފަހު އެޗްޕީއޭއާ ގުޅިގެން އެކަން ކުރިއަށް ގެންދެވިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ވެކްސިން ދިނުން މިހާރު ކުރިއަށް ގެންދާއިރު، އެ ޕްރޮގްރާމް ފުޅަކުރައްވާނެކަަމަށެވެ. އެގޮތުން ވެކްސިން ދޭ މަރުކަޒަކަށް ގޮސްގެން ވެކްސިން ޖެހުމުގެ ބަދަލުގައި، ރިސޯޓްތަކަށް ވެކްސިން ފޮނުވައިގެން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެ އަންނަ ފަތުރުުވެރިންނަށް ދިގު މުއްދަތަކަށް ތިބެވޭނެގޮތަށް އިމިގްރޭޝަން ޤާނޫނަށް އިޞްލާހު މިއަހަރު ގެނައުމަށް މަޖިލީހަށް ހުށައަޅުއްވާނެކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.