ޚަބަރު

މޫސުމީ ބަދަލުތަކުން އަންހެނުންގެ ތަރައްޤީއަށް ވަރަށް ބޮޑަށް އަސަރުކުރޭ: ޝާހިދު


މޫސުމީ ބަދަލުތަކުގެ ސަބަބުން އަންހެނުންގެ ތަރައްޤީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޚާރިޖީ އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި ޔޫކްރެއިން، ޤަތަރު، ބޮޓްސްވާނާ އަދި ހޮންޑިއުރަސް ގުޅިގެން ބޭއްވި ވަރޗުއަލް ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަންހެނުންގެ ހައްޤުތަކާއި މޫސުމީ ބަދަލުތަކާއި ބެހޭގޮތުން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރގެ ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އަދި ރާއްޖޭގެ އަންހެނުންނަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރަށްރަށުގެ ގޮނޑުދޮށްތައް ގިރުމުގެ މައްސަލަ ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަންކަމުގެ އަސަރުކުރަމުންދާ ރަށްރަށް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީގައި ކަނދޮޅުދޫގެ ރައްޔިތުން، ޚާއްސަ އަންހެނުން ރޯމަހުން އެކި ބާވަތްތައް އުފައްދައިގެން އާމްދަނީ ހޯދަމުން އައި ގޮތް ބަންދުވެގެން ދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށްޓަކައި 2030 ވަނަ އަހަރަށް ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކާ އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކާ ލޯކަލް ކައުންސިލް އިންތިހާބުގެ ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކުރުމާއި ސުޕްރީމްކޯޓުގެ އިސް ފަނޑިޔާރުންގެ ގޮތުގައި ދެ އަންހެން ކަނބަލުން ކަނޑައަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތާނގައިވެސް އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގައި ދިމާވާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ތަރައްޤީގެ ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އޮތުމުގެ މުހިންމުކަމާއި އެކަމަށް އިތުރު ދޮރުތައް ހުޅުވާދެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއްގައުމުގެ ގޮތުގައި އޮވެ، ރާއްޖެއިން މުހިއްމު މަަސައްކަތްތަކެއް މިހާތަނަށްވެސް ކޮށްފައިވާކަމަށާއި އަދިވެސް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި، ޔޫކްރެއިން، ޤަތަރު، ބޮޓްސްވާނާ އަދި ހޮންޑިއުރަސް ގުޅިގެން ބޭއްވި މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން އަންހެނުންނަށް، ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އަންހެނުންނަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ވާހަކަދެކެވުނެވެ.