އިނގިރޭސި އެފްއޭ ކާޕްގެ ކުއާޓަރ ފައިނަލުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލުން މެންޗެސްޓަރ ޖާގަހޯދީ ރޭ ކުޅުނު ފަސްވަނަ ބުރުގެ މެޗްގައި ވެސްޓް ހޭމް ޔުނައިޓެޑާއި ބައްދަލުކޮށް އެއް ލަނޑު ސުންލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެހާފް ކުޅެގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ މެންޗެސްޓަރއެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވިއިރު އުފެއްދި ގިނަ ހަމަލާތަށް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ. މިމެޗްގައި ވެސްޓް ހޭމްއަށް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު އިރު މިމެޗްގައި އަނިޔާގެ ގިނަ މައްސަލަތަކެއް އެޓީމްގެ ކުޅުންތެރިންނަށް ކުރިމަތިވިއެވެ. މިގޮތުން ފަހަތަށް ކުޅޭ އެންޖެލޯ އޮގްބޮންނާގެ ފަޔަށް މެންޗެސްޓަރގެ އެންތަނީ މާޝިއަލްއަށް ބޫޓުން އެރުމުގެ ސަބަބުން ފަޔަށް ލިބުނު އަނިޔާއާއި ގުޅިގެން އޮގްބޮންނާ ފުރަތަމަ ހާފްގައި ބަދަލުކުރިއިރު އޭނާގެ ބަދަލުގައި އެރި އީސާ ޑިއޮޕް އާއި މާޝިއަލްގެ ދެކުޅުންތެރިންގެ ބޯޖެހި ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޑިއޮޕްވެސްވަނީ ދެވަނަ ހާފަށް ނިކުންއިރު ބަދަލުކޮށްފައެވެ. މިއީ ބޯޅަ ކުޅުމުގެ ތެރޭގައި އަނިޔާވާ ކުޅުންތެރިން ބަދަލު ކުރުމަށް އިނގިރޭސި އެފް.އޭ. އިން ވަރަށް ފަހުން އުސޫލެއް އެކުލަވާލިފަހުން މިގޮތަށް ބޮލަށް އަނިޔާވެގެން ބަދަލުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.
މިމެޗްގައި މެންޗެސްޓަރއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 97 ވަނަ މިނެޓްގައި މާކަސް ރަޝްފަޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ ސްކޮޓް މެކްޓޮމިނޭއެވެ. މިއީ އެންމެ ފަހުން އެވަޓަންއާއި ލީގުގައި ބައްދަލުކުރިމެޗްގެ އެންމެފަހު ވަގުތު ބައިކޮޅަށް ވަން ލަނޑާއެކު މެޗް އެއްވަރު ވުމުން ލިބިފައިވާ މާޔޫސް ކަމުން އަރައިގަތުމަށް ވަރަށް މުހިންމު މެޗެއް ކަމުގައި މެންޗެސްޓަރގެ ކޯޗް އޮލޭ ގުނަރ ސޯލްޝާ މެޗަށްފަހު ހާމަކުރިއެވެ. އަދި މިނަތީޖާއާމެދު ވަރަށް ހިތްހަމަ ޖެހޭކަމުގައިވެސް މެންޗެސްޓަރގެ ކޯޗް ހާމަކުރިއެވެ. އަދި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި ދެއްކި ހިތްވަރާއި މެދު ވަރަށް ހިތްހަމަޖެހޭކަމުގައި ވެސް ސޯލްޝާ ހާމަކުރިއެވެ.